އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 11 ދުވަހުގެ ކުއްޖެއް

ރައްކާތެރިކަމުގެ ގޮތުން މާކް އަޅައިގެން ކުޑަކުއްޖަކު ގޮވައިގެން އަންހެނަކު ހިނގާފައި ދަނީ-- ފޮޓޯ/ ސަން

ރާއްޖެއިން އިއްޔެ ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 11 އަހަރުގެ ތުއްތު ކުއްޖަކު ހިމެނިއްޖެއެވެ.

ހެލްތް މިނިސްޓްރީން ގާއިމްކޮށްފައިވާ ޑޭޝް ބޯޑް އިން ދައްކާ ގޮތުން އިއްޔެ ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި 11 އަހަރުގެ ތުއްތު ކުއްޖަކާއި 89 އަހަރުގެ އަންހެނަކުވެސް ހިމެނެއެވެ. ޑޭޝް ބޯޑުން ދައްކާ ގޮތުގައި ތުއްތު ކުއްޖާގެ އިތުރުން އަންހެން މީހާގެ ހާލަތުވެސް ރަނގަޅެވެ.

ރާއްޖެއިން އިއްޔެ އެކަނިވެސް 56 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މިއާއިއެކު ރާއްޖެއިން މުޅި ޖުމްލަ މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1،513 އަށް ވަނީ އަރާފައެވެ.

މުޅި ރާއްޖެއިން މިހާ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވިއިރު މީގެތެރެއިން އެންމެ ގިނައީ ބިދޭސީންނެވެ. އެގޮތުން މުޅި ޖުމްލަ މިހާތަނަށް 942 ބިދޭސީ އަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.

ބިދޭސީންގެ ތެރެއިންވެސް މި ބައްޔަށް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. އެމީހުންގެ ތެރެއިން 785 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މި ބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދަކީ 529އެވެ.

މި ބަލިން މިހާތަނަށް 242 މީހަކު ވަނީ ރަނގަޅުވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން ފަސް މީހަކު ވަނީ މަރުވެސްވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.