ޖިންސީ ގޯނާކުރާ މީހުންގެ މައްސަލަތައް އަވަހަށް ބެލޭނެ ނިޒާމެއް ގާއިމުކުރަނީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ / ސަން

ޖިންސީ ގޯނާކުރާ މީހުންގެ މައްސަލަތައް ކޯޓުތަކުން އަވަހަށް ބެލެވޭ ނިޒާމެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތަކާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ކޯޓުތަކުން އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

އެގޮތުން އެފަދަ މައްސަލަތައް ކޯޓުތަކުގައި ލަސްވުމަށް ދިމާވާ ސަބަބު ދެނެގަތުމަށް ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ ބައްދަލުކޮށް، މައްސަލަތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް އެ މައްސަލަތައް އަވަސްކުރަން އެޅޭނެ ފިޔަވަޅުތައް ބެލުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

އަދި އެ މަސައްކަތް މިހާރުން މިހާރަށް ފަށައި، މި ހަފުތާ ތެރޭ ނިންމުމަށް ވެސް ކޮމިޝަނުން ނިންމާފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބްލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން ބަލަން ފެށޭނެ ނިޒާމެއް ޝަރުއީ ދާއިރާގެ ތެރޭގައި ގާއިމުކުރުމަށާއި، އެފަދަ މައްސަލަތައް ކޯޓުތަކުގައި ލަސްވުމެއްނެތި ކުރިއަށްގެންދެވޭނެ ގޮތަކަށް ކަންކަން ރޭވުމަށް ޑީޖޭއޭއަށް އެންގުމަށް ވެސް ޖޭއެސްސީން ވަނީ ނިންމައިފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.