ބަނޑަށް ދަރި ނިޔާވި ދެ މައްސަލައާ ހަތަރުމަހުގެ ކުއްޖާ ނިޔާވި މައްސަލަ ބެލުމަށް މަޖިލީހަށް

ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ޝިޔާމް ރައްޔިތުން މަޖިލިސް ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

މާބަނޑު މީހާގެ ބަނޑަށް ދަރިފުޅު މަރުވި ދެ މައްސަލައާއި ހަތަރު މަހުގެ ތުއްތު ކުއްޖަކު މަރުވި މައްސަލަ މަޖިލީހުން ބެލުމަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ބެލުމަށް މަޖިލީހަށް ހުށަހަޅާފައި ވަނީ ނައިފަރު ދާއިރާގެ މެންބަރު، އަދި ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމުއެވެ. ޝިޔާމް ހުށަހެޅުއްވީ، ށ. ނަރުދޫ މާބަނޑު މީހާގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައާއި އއ. ތޮއްޑޫ މާބަނޑު މީހާގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލަ އަދި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން ހަތަރު އަހަރުގެ ތުއްތު ފިރިހެން ކުއްޖާ މަރުވި މައްސަލަ ބެލުމަށެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ހޮސްޕިޓަލުން ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން މި މަހުގެ ތެރޭގައި މިފަދަ ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުން އެ މައްސަލަތައް ތަހުގީގު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އއ. ތޮއްޑޫގައި މާގަނޑުމީހާގެ ބަނޑަށް ދަރިފުޅު މަރުވީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އާއިލާއިން ވަނީ އެކަމުގައި ފަރުވާ ދިނުން ލަސްކުރި ކަމަށް ތުހުމަތުކޮށްފައެވެ. އެމީހާ އއ. ރަސްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިއުމަށް އެތައް ފަހަރަކު މަސައްކަތް ކުރި ކަމަށާއި ނަމަވެސް ހުއްދަ ނުލިބުނު ކަމަށް އާއިލާއިން ބުނެއެވެ. އާއިލާ އިން ބުނީ މާލެ ގެންދިއުމުގެ ހުއްދަ ލިބުނީވެސް ވިއްސާ ކޮޓަރިއަށް ވެއްދި ފަހުން ކަމަށެވެ.

ށ. ނަރުދޫ އަކީ ކޮވިޑް19 ފެނުމުން އަރާ ފޭބުން މަނާ ކޮށްފައި އޮތް ރަށެކެވެ. މަރުވިކަން އެނގުނީ، މިދިޔަ ހޯމަ ދުވަހު ކުޅުދުއްފުއްޓަށް ގޮސް ސްކޭންކޮށް ބެލުމުންނެވެ. ށ. އަތޮޅު ހޮސްޕިޓަލާއި ށ. މިލަންދޫ ސިއްހީ މަރުކަޒަށް އަންހެން މީހާ ދެއްކުމަށް ދޮޅުމަސް ހޭދަ ކުރި ކަމަށާއި އެންމެ ފަހު ވަގުތު ޑޮކްޓަރަށް ދެއްކެން ނެތް ކަމަށް އަންގާ ކަމަށް އާއިލާއިން ބުންޏެވެ. ނަމަވެސް އާއިލާގެ އެ ވާހަކަތައް ށ. އަތޮޅު ހޮސްޕިޓަލުން ދޮގު ކުރެއެވެ. ބުނީ އާއިލާއަށް ހުރިހާ އެއްބާރުލުމެއް ދިން ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ހަތަރު މަހުގެ ކުއްޖާ މަރުވީ، މިމަމަހުގެ 21 ވަނަ ދުވަހުއެވެ. އެ ކުއްޖާގެ އާއިލާއިން ވެސް ތުހުމަތު ކުރަނީ ފަރުވާ ދިނުމުގެ ލަސް ކަމެވެ. ނަމަވެސް އޭޑީކޭ އިން ބުނީ ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށް ބުނެފައެވެ. އަދި މައްސަލަ ބަލަމުން އަންނަ ކަމަށްވެސް އޭޑީކޭ އިން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.