ވިޕްލައިނާ ހިލާފުވި މެންބަރުންގެ މައްސަލަވެސް ބަލާނަން، ފިޔަވަޅުވެސް އަޅާނަން: އާޒިމް

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި: ފޮޓޯ / މަޖިލިސް

ރޭ މަޖިލީހުގައި ނެގި ވޯޓުގައި އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، އެ ވިޕާއި ހިލާފަށް ވޯޓު ދެއްވި ހުރިހާ މެންބަރުންގެ މައްސަލަ ބަލާނެ ކަމަށް އެޕާޓީގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަންޒަރު ވަރައްސާފު ކަމަށެވެ. އެމްޑީޕީގެ ވިޕްލައިން އެއީ ބޯލަބަން ޖެހޭ އެއްޗެއް ނޫން ކަމަށާއި 19ވަނަ މަޖިލީހުގައި އެތައް މެންބަރުންނެއް އެމްޑީޕީގެ ވިޕްލައިނާއި ހިލާފަށް ވޯޓު ދެއްވި ކަމަށް މޫސަ ވިދާޅުވިއެވެ. އެހެންނަމަވެސް 18ވަނަ ރައްޔިތުން މަޖިލީހުގައި އެޕާޓީން ނެރުނު ވިޕްލައިނަކާއި ހިލާފަށް މޫސަ ވޯޓު ދެއްވުމުން މޫސަގެ މައްސަލަ ބަލާ ޕާޓީން ވަކިކުރި ފަދަ އެއްވެސް ނިންމުމެއް މިއަދު ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސަގެ އެ ޓްވީޓަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ ވިޕްލައިނާއި ހިލާފު މެންބަރުންގެ މައްސަލަ ބަލާނެ ކަމަށެވެ. އަދި ގަވާއިދުގައި އޮތް ގޮތައް ފިޔަވަޅު ވެސް އަޅާނެ ކަމަށާއި އެއީ އެމްޑީޕީ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ރޭ ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހިއިރު 65 މެންބަރުން ހާޒިރުވެ ތިއްބެވިއެވެ. ނަމަވެސް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގަތުމާއި މެދު މަޖިލީހުގެ ރިޔާސަތުން ވޯޓަށް އެހުމުން އެ އިސްލާހު ބަލައިގަތުމަށް ވޯޓު ދެއްވީ 60 މެންބަރުންނެވެ. ފަސް މެންބަރަކު އެ އިސްލާހު ބަލައިގަތުމާއި ދެކޮޅަށް ވޯޓު ދެއްވިއެވެ.

އިސްލާހު ބަލައިގަތުމާއި ދެކޮޅަށް ވޯޓު ދެއްވި މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒު ފަހުމީ (އިންތި) އާއި މަޑަވެލީ ދާއިރާގެ މެމްބަަރު ހުސައިން ފިރުޝާނާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ. އިދިކޮޅުން މި އިސްލާހު ބަލައިގަތުމަށް ވޯޓު ނުދެއްވީ ނައިފަރު ދާއިރާގެ މެންބަތރު އަހުމަދު ޝިޔާމްއެވެ.

މި އިސްލާހު ބަލައިގަތުމަށް ވޯޓު ނުދެއްވި އެމްޑީޕީ ހަތަރު މެންބަރުންނަކީ ވެސް މަޖިލިސް ޖަލްސާތަކުގައި ގާނޫނުއަސާސީ އިސްލާހު ކުރުމަކީ މި ދަނޑިވަޅުގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި މެންބަރުންނެވެ.

ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ހުށަހަޅުއްވާފައިވާ ބިލު އެންމެ ފުރަތަމަ ހުށަހެޅުމުން ބައެއް މެންބަރުން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *