ޖަމާއަތުގައި ނަމާދުކުރަން ހުއްދަ ނުދޭ ރަށްތަކުގެ މުއްދަތު އިތުރުކޮށްފި

އިސްލާމީ މަރުކަޒުގައި ކުރެވިގެން ދިޔަ ހުކުރު ނަމާދެއްގެ ތެރެއިން: ފޮޓޯ / އިސްލާމިކް މިނިސްޓްރީ

ކޮވިޑް19 ގެ ސަބަބުން ޖަމާއަތުގައި ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން މަނާ ކޮށްފައިވާ ރަށްތަކުގައި، ނަމާދު ކުރުން މަނާކުރި މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ‏ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ބައެއް ރަށްރަށުގެ މިސްކިތް ތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާ ގޮތަށް ނިންމާފައި އޮތް އޮތުން އަންނަ މަހުގެ 11ވަނަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށް އިތުރު ކުރެވިފައިވާ ކަމަށެވެ.

މިހާތަނަށް ޖަމާއަތް ހެދުމަށް ހުއްދަ ނުދީ ވަނީ ހަތް ރަށެއްގައެވެ. އެނޫން ހުރިހާ ރަށެއްގައިވެސް ޖަމާއަތް ހެދުމަށް ވަނީ ހުއްދަ ދީފައެވެ. ހުއްދަ ނުދޭ ރަށްތަކަކީ މާލެ ސިޓީ، ހއ. ތަކަންދޫ، ށ. ނަރުދޫ، ށ. މިލަންދޫ، ނ. މަނަދޫ، ކ. ހިންމަފުށި، އަދި ކ. ތުލުސްދޫއެވެ.

ބަލި ނެތް ރަށްރަށުގެ މިސްކިތްތަކުގައި މިދިޔަ ހުކުރު ދުވަހުގެ، ހުކުރު ނަމާދުން ފެށިގެން، ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ނިންމާފައެވެ. ނަމަވެސް އޭރު މޮނީޓަރިންގެ ހާލަތު ނެގިތާ 28 ދުވަސް ހަމަ ނުވާތީވެ، 25 ރަށެއްގައި ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ނުދެއެވެ.

ބުނީ، ފުރަބަންދު އަދި މޮނީޓަރިންގައި ހުރި ރަށްތަކައި ކަރަންޓީންކޮށްފައި މީހުން ތިބި ރަށްތަކުގައި އަދިވެސް ޖަމާއަތުގައި ނަމާދު ކުރުން މަނާވާނެ ކަމަށެވެ. އަދި އޭގެ އިތުރުން ދެން މަނާވާނީ މޮނީޓަރިންގެ ހާލަތުން ނެގިތާ 14 ދުވަސް ހަމަ ނުވާ ރަށްތަކުގައި ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.