ޝިޔާމް އާއެކު އެމްޑީޕީ ހަތަރު މެންބަރުން ވޯޓެއް ނުދެއްވާ

ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަތުމާއި ދެކޮޅަށް ވޯޓު ދެއްވި މެންބަރުން --

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ނާއިބު ރައީސް، އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ އިތުރުން، ސަރުކާރުން ހިންގާ މައިޕާޓީގެ ހަތަރު މެންބަރަކު ވޯޓު ނުދެއްވިކަން ހާމަވެއްޖެއެވެ.

ރޭ ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހިއިރު 65 މެންބަރުން ހާޒިރުވެ ތިއްބެވިއެވެ. ނަމަވެސް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ބަލައިގަތުމާއި މެދު މަޖިލީހުގެ ރިޔާސަތުން ވޯޓަށް އެހުމުން އެ އިސްލާހު ބަލައިގަތުމަށް ވޯޓު ދެއްވީ 60 މެންބަރުންނެވެ. ފަސް މެންބަރަކު އެ އިސްލާހު ބަލައިގަތުމާއި ދެކޮޅަށް ވޯޓު ދެއްވިއެވެ.

އިސްލާހު ބަލައިގަތުމާއި ދެކޮޅަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒު ފަހުމީ (އިންތި) އާއި މަޑަވެލީ ދާއިރާގެ މެމްބަަރު ހުސައިން ފިރުޝާނާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.

މި އިސްލާހު ބަލައިގަތުމަށް ވޯޓު ނުދެއްވި އެމްޑީޕީ ހަތަރު މެންބަރުންނަކީ ވެސް މަޖިލިސް ޖަލްސާތަކުގައި ގާނޫނުއަސާސީ އިސްލާހު ކުރުމަކީ މި ދަނޑިވަޅުގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި މެންބަރުންނެވެ. އެހެންނަމަވެސް ޝިޔާމް މި އިސްލާހު ބަލައިގަތުމަށް ވޯޓު ނުދެއްވި ސަބަބެއް އަދި ނޭނގެއެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާތަކުގައާ ކޮމެޓީތަކުގައި އޭނާ ވަނީ އާއްމު ބިލަކުން ކައުންސިލަރުންގެ ދައުރު ދަންމާލުމަށް އުޅުމުން އެކަމާއި ދެކޮޅު ހައްދަވާފައެވެ. ވިދާޅުވަމުން ގެންދެވީ އެކަމަކީ ގާނޫނުއަސާސީ އިސްލާހު ކޮށްގެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ހުށަހަޅުއްވާފައިވާ ބިލު އެންމެ ފުރަތަމަ ހުށަހެޅުމުން ބައެއް މެންބަރުން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ބިލު މަޖިލީހުން ޕާކު ކޮށްލިއެވެ. އަދި އެއަށްފަހު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ބިލެއް ހުށަހަޅާފައެވެ.

އެކަމަށްވެސް ބައެއް މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިގެން ދިޔައެވެ. އެގޮތުން އާއްމު ގާނޫނަކުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްޗެއް ބަދަލެއް ނުގެނެވޭނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެބިލު ބަލައިގަނެ ބިލު ކޮމެޓީއަށް ފޮނުވިއެވެ. އަދި ކޮމެޓީން އެ ބިލު ދިރާސާ ކުރެއްވިއިރު ދައުލަތުގެ ބަންޑާރަ ނާއިބާއި މަޖިލީހުގެ ކައުންސެލާ ޖެނެރަލްގެ ލަފައެއް ވެސް ހޯދިއެވެ. ދެ ބޭފުޅުން ވެސް ވިދާޅުވީ އާއްމު ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދަންމާ ނުލެވޭނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.