އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ހުދުމުހުތާރު ކަންތައްތައް އެބަ ނިންމާ: ބޮންޑޭ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)-- ފޮޓޯ/ މަޖިލިސް

ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ވަރަށް ހުދުމުހުތާރު ކަންކަން ނިންމަމުން ގެންދާ ކަމަށް މާފަންނު މެދުދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި އެމްޑީޕީގެ މެމްބަރުންނަށް ތުހުމަތު ކުރައްވައި ބޮންޑޭ މިރޭ ވިދާޅުވީ ބައެއް މެމްބަރުން އޭނާއަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އޭނާއަށް ނުފޫޒު ފޯރުވާފައި ނުވާ ކަމަށެވެ.

ބޮންޑޭ ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައި ވަނީ ދުވަހު ވެސް ނުކުރާފަދަ "ނުބައެއް" ކަމަށެވެ.

"ރޭގަ ހުށަހަޅާފަ އޮތީ، ޔައުގޫބު ހުށަހަޅައި، ރޮޒޭނާ އާދަމް ތާއިދުކޮށްފަ އެ އޮތީ ދުވަހަކު ވެސް ޕާލަމެންޓްރީ ގްރޫޕުގައި ނުކުރާފަދަ ނުބައި ކަމެއްކޮށްފަ އެ އޮތީ،" ބޮންޑޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ބަހުސްތަކާއި ނިންމުންތަކާމެދު ފާރަލާންޖެހޭ ކަމަށާއި ޕާލަމެންޓްރީ ޕްރޮސެސް ކުރިއަށްދާ ގޮތް ނޫސްވެރިން ބަލަންޖެހޭ ކަމަށެވެ. މަޖިލީހަށް ހުށަހަޅާ ބިލެއް އުނިއިތުރު ނުގެންނަން، ޕާލަމެންޓްރީ ގްރޫޕުން ނިންމުމަކީ ހުދުމުހުތާރު ގޮތެއް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

"ޕާލަމެންޓްރީ ގްރޫޕުގައި ބަހުސް ކުރާއިރު، ވަރަށް ނޭނގާނީ ވަރަށް ހުދުމުހުތާރު ކަންތައްތައް އެބަ ނިންމާ. މިއީ [އަޅުގަނޑުމެންނަކީ] ރައްޔިތުންގެ ވަކީލުން. ރައްޔިތުންގެ މަޖިލިހަށް ފޮނުވާ ބިލެއް، އުނިއިތުރު ނުގެންނަން ވިޕްލައިނެއް ނެރެފަ، މިއޭ ކަންކުރަންޖެހޭ ގޮތަކީއޭ ބުނެ ކަންކުރުމަކީ ވަރަށް ހުދުމުހުތާރު ގޮތެއް،" ބޮންޑޭ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވިއެވެ. "މިއީ ރައީސުލްޖުމްހޫރިއްޔާ އާއި އެމްޑީޕީ ބަދުނާމު ކުރަން ކޮށްފައި އޮތް ކަމެއް."

އޭނާ ވިދާޅުވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ނިންމުމަށް އަމަލު ނުކުރައްވާ ކަމަށް އިމްތިޔާޒު ފަހުމީ ވިދާޅުވުމުން، އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އެ "ދަރަޖަ"އަށް ކަންކަން ދިޔައީ ޕީޖީ ގްރޫޕުގައި "ނޭއްގާނީ" ކަންކަން ހިނގާތީ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

އެމްޑީޕީގެ ބައެއް މެމްބަރުންނަށް އިޝާރާތްކޮށް، ބޮންޑޭ ވިދާޅުވީ ސަރުކާރާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންގެ "ޖީބަށް ފުންމާލައިގެން" ހެދުނު ގޮތެއް ހަދަމުންދާ ކަމަށެވެ.

"ކޮންމެ މެމްބަރަކު ވެސް އައިސް ސަރުކާރުގެ ޖީބަށް ފުންމާލައިގެން، ނުވަތަ ކޮންމެ ވެސް ކުންފުންޏެއްގެ އެމްޑީއެއްގެ ޖީބަށް ފުންމާލައިގެން ތިމާމެން ހެދުނު ގޮތެއް ހަދައި، ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ބަދުނާމު ކުރަން ކޮން ކަމެއްތޯ މިކުރަނީ،" ބޮންޑޭ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *