ސަރުކާރުން ވީ ވައުދުތައް މަތިން ރައްޔިތުން ހަނދާން ނުނެތޭނެ: މެންބަރު ހުސައިން

ރައްޔިތުން މަޖިލީހުގެ މިރޭގެ ޖަލްސާގައި ހުސައިން މުހައްމަދު ލަތީފު ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުން ގާތުގައި ވެވަޑައިގެންނެވި ވައުދުތައް މަތިން އެއްވެސް ރައްޔިތަކުން ހަނދާން ނުނެތޭނެ ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ހުސައިން ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އަދި ރައްޔިތުންނަށް މާލީ ގޮތުން އެތަކެއް ގެއްލުންތަކެއް ކުރިމަތިވި ކަމަށާއި އެވާހަކަތައް މިއަދު ގަބޫލު ކުރަން ޖެހޭ ކަމަށެވެ. މީގެއިތުރުން މެންބަރު ހުސައިން ވިދާޅުވީ މިކަމުގެ ހަގީގީ ނުރައްކާތެރިކަން ފެނިގެން ދާނީ ލޮކްޑައުން ނިމިގެން ރައްޔިތުންގެ އާއްމު ހާލަތަށް ރުޖޫއުވާ ހިސާބުން ކަމަށް ހުސައިންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ކިތައް ހާސް މީހުން ބަނޑަށް ޖެހިއްޖެކަން ކިތައް ހާސް މީހުންގެ ވިޔަފާރި ބަނގުރޫޓު ވެއްޖެކަން ކިތައް ހާސް މީހުންގެ ގެދޮރު ގެއްލިފައިވާކަން. އިއްޒަތްތެރި ރައީސް މި ހުރިހާ ކަމެއް ވެގެން ދާއިރުގައި ދެން ވެގެންދާނެ ގޮތް ވަރަށް ސާފުކޮށް ފެންނާނެ. ރައްޔިތުން ތިބޭނީ މަގުމަތީގައި ސަރުކާރު ޖަވާބުދާރީ ކުރުވަން. ރައްޔިތުންގެ ވަރަށް ބޮޑެތި އުއްމީދުތައް ހާސިލް ކުރުމަށްޓަކައި މިއޮތް ބޮޑު ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ދީފައި މިއޮތީ. އެއްވެސް ސަބަބެއް ނެތިއެއް ނޫން. އެ ސަބަބަކީ ރައްޔިތުންނާ މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅަކު ފަސް އަހަރުގެ ތެރޭގައި ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުން ހިތް އެދޭ ވަރަށް، އިގްތިސޯދު ކޮޅަށް ޖެއްސުމަށްފަހު ރައްޔިތުންގެ ފުދުންތެރިކަން އިންތިހާއަށް އިތުރު ކޮށްދެއްވީތީވި މިއަދު އެ ރައްޔިތުން އެ އުއްމީދުތަކުގެ މަތީގައި ދެމި އެތިބީ،" މެންބަރު ހުސައިން ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން މެންބަރު ހުސައިން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ދިން އުއްމީދުތަކާއި ގެނެސްދެއްވި ތަރައްގީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުފެންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިއަދު ރައްޔިތުން ސަރުކާރު ޖަވާބުދާރީ ކުރުވަން ބޭނުންވާ ކަމަށްވެސް މެންބަރު ހުސައިން ވިދާޅުވިއެވެ. އެ ފުރުސަތު ރައްޔިތުންނަށް ލިބިގެން ދާނެ ދުވަހަކަށް ރައްޔިތުން ތިބީ އިންތިޒާރުގައި ކަމަށް ހުސައިން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *