ކައުންސިލަރުންގެ ދައުރު ދަންމާލަން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު ބަލައިގެންފި

ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލަން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) ހުށަހަޅުއްވާފައިވާ ބިލު ތަޅުމަށް ބަލައިގަންނަން ފޮނުވަން ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. އަދި މުޅި މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަން ފާސްކުރީ 61 މެންބަރުންގެ ވޯޓުންނެވެ. ބިލު ތަޅުމަށް ބަލައިގަތުމަށް ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މި ބިލު އެންމެ ފުރަތަމަ ހުށަހެޅުމުން ބައެއް މެންބަރުން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ބިލު މަޖިލީހުން ޕާކު ކޮށްލިއެވެ. އަދި އެއަށްފަހު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ބިލެއް ހުށަހަޅާފައެވެ.

އެކަމަށްވެސް ބައެއް މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިގެން ދިޔައެވެ. އެގޮތުން އާއްމު ގާނޫނަކުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްޗެއް ބަދަލެއް ނުގެނެވޭނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެބިލު ބަލައިގަނެ ބިލު ކޮމެޓީއަށް ފޮނުވިއެވެ. އަދި ކޮމެޓީން އެ ބިލު ދިރާސާ ކުރެއްވިއިރު ދައުލަތުގެ ބަންޑާރަ ނާއިބާއި މަޖިލީހުގެ ކައުންސެލާ ޖެނެރަލްގެ ލަފައެއް ވެސް ހޯދިއެވެ. ދެ ބޭފުޅުން ވެސް ވިދާޅުވީ އާއްމު ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދަންމާ ނުލެވޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *