ބައެއް ލުއިތަކާއި އެކުގައި އިތުރު ދެ ހަފްތާއަށް މާލެ ސަރަހައްދު ލޮކްޑައުން ކުރަން ނިންމައިފި

ހެލްތު މިނިސްޓަރު އަމީން ވާހަކަދައްކަވަނީ: ފޮޓޯ / ހެލްތު މިނިސްޓްރީ

ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދަށް އިއުލާން ކޯށްފައިވާ ލޮކްޑައުން އަށް ލުއިތަކެއް ދިނުމަށްފަހު އިތުރު ދެ ހަފްތާއަށް މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ނިންމައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ފުރަތަމަ މަރުހަލާގައި ކޮންމެ ގެއަކުން ފުލުހުންގެ ހުއްދަ އަކާއި އެކު ކޮންމެ ގެއަކުން ބޭރަށް ނިކުމެވޭނެ މީހުންގެ އަދަދު އިތުރު ކުރަން ނިންމައިފިއެވެ.

އަދި ބައެއް ވިޔަފާރިތައް ވެސް ހުޅުވާލަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރ އަމީން ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ކޮންމެ ގެއަކުން ތިން މީހުންނަށް ދެގަޑިއަށް ގެއިން ބޭރަށް ނިކުމެވޭނެ ކަމަށެވެ. މި ހުއްދަ އަށް އެދި ފުލުހުންނަށް ހުށަހަޅަން ޖެހޭނެއެވެ.

ސަރުކާރުންދޭ ލުއިތަކުގެ ދަށުން ސުޕަމާކެޓްތަކާއި ބޭކަރީތަކާއި ކަންމަތީ ފިހާރަތަކާއި ބޭސްފިހާރަތަކާއި ބުކްޝޮޕްތަކާއި ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތަކާއި ހާޑުވެއަރ ފިހާރަތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބޭންކިންގެ ޚިދުމަތްތައް ފުރަތަމަ ހަފްތާގައި ތިން ދުވަހު ދެވަނަ ހަފްތާއިން ފެށިގެން ފަސް ދުވަހު ހުޅުވުމުގެ ހުއްދަ ދޭނެއެވެ.

ކެފޭ ރެސްޓޯރަންޓް ފުރަމަތަ ދެހަފްތާގައި ޑެލިވަރީއާއި ޓެކްއަވޭ ޚިދުމަތާއި، ޓެކްސީއާއި ޕިކަޕްގެ ޚިދުމަތް ދެވޭނެއެވެ. ސިއްޙީ ޚިދުމަތް ދޭނެ ތަންތަކުގެ ތެރެއިން ފްލޫ ކްލިނިކްތަކަށް މީހުން ގޮސްގެން ޚިދުމަތް ލިބޭނެއެވެ. ކްލިނިކްތަކުން އޮންލައިންކޮށް ޚިދުމަތްދެވޭނެ ކަމަށް ވެސް މިރޭ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ލުއިތަކެއް ދިނުމަށް ނިންމި ނަމަވެސް އަދި ބަލިން ސަލާމަތްވީ ނޫންކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.