ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދެން މަޖިލީހަށް ހުށަހަޅައިފި

ހަނިމާދޫ ދާއިރާގެ މެންބަރު ގަފޫރު: ފޮޓޯ / މަޖިލިސް

މިހާރު އިންތިހާބުވެފައި ތިބި ކައުންސިލަރުންގެ ދައުރު އަންނަ މަހުގެ ތިންވަނަ ދުވަހު ހަމަވާތީ އެ މެންބަރުންގެ ދައުރު ދަންމާލުމަށް ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނުގައި ކަން އޮތްގޮތާ މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ނުވަތަ ގާނޫނީގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމްކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ސުޕްރީމްކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑް19 ގެ ސަބަބުން ބޭއްވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހާއްސަ ގާނޫނަކުން އެ އިންތިހާބު ފަސް ކޮށްފައިވާ ކަމަށާއި މީގެއިތުރުން މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އަންނަ މަހުގެ ތިންވަނަ ދުވަހަށް ހަމަވާ ކަމަށެވެ.

އެ ގަރާރު ހުށަހަޅުއްވަމުން ގަފޫރު ވިދާޅުވީ މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އަންނަ މަހުގެ ތިންވަނަ ދުވަހު ހަމަވާއިރު އެކަމުގެ ސަބަބުން ކުރިމަތިވާނެ ގާނޫނީ ހުރަސްތައް ނައްތާލުމަށް ގާނޫނުއަސާސީ އަށް ފަސްވަނަ އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ކަމަށެވެ. މީގެއިތުރުން މި ހާލަތުގައި [ކޮވިޑް19 ގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ހާލަތު] ގާނޫނުއަސާސީ އިސްލާހު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބައެއް މެންބަރުންނަށް ފާހަގަކުރެވޭ ކަމަށްވެސް އެ ގަރާރު ހުށަހަޅުއްވަމުން ގަފޫރު ވިދާޅުވިއެވެ.

ގަފޫރު ގަރާރު ހުށަހަޅުއްވަމުން ވިދާޅުވީ ގާނޫނުއަސާސީގެ 95ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފަޔަކަށް އެދެނީ ގާނޫނުއަސާސީ އިސްލާހު ކުރުމުގައި އެއްވެސް މައްސަލައެއް ދިމާވެދާނެތޯ ބެލުމަށް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *