އެމްޑީޕީ ޕީޖީ ގްރޫޕް އިން ވިޕްލައިން ނެރުނީ ބިލު ބަލައިގަތުމަށް: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި: ފޮޓޯ / މަޖިލިސް

މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ މަހުގެ ތިންވަނަ ދުވަހަށް ހަމަވާތީ ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން ސަރުކާރު ހިންގާ މައިޕާޓީ ޕާލިމަންޓްރީ ގްރޫޕު އިން ވިޕްލައިނެއް ނެރެފައިވާ ކަމަށާއި ނަމަވެސް އެ ވިޕްލައިން އަކީ ބިލު ބަލައިގަތުމަށް ނެރުނު ވިޕްލައިނެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތްރީލައިން ވިޕެއް ނެރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ރޭ ނެގި ވޯޓްގައި ބައްދަލުވުމުގައި ބައިވެރިވި 54 މެމްބަރުންގެ ތެރެއިން 41 މެެމްބަރުން ވަނީ ސަރުކާރުން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު އެގޮތަށް ފާސްކުރަން ތްރީލައިން ވިޕެއް ނެރުމަށް ތާއީދު ކުރައްވައިފައެވެ. އެ ގޮތަށް ތްރީލައިން ވިޕް ނެރުމާ ދެކޮޅަށް 10 މެމްބަރަކު ވޯޓް ދެއްވި އިރު، ވަކި ކޮޅަކަށް ވޯޓް ނުދެއްވާ ތިން މެމްބަރަކު ތިއްބެވިއެވެ.

އެހެންނަމަވެސް މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕީޖީ ލީޑަރާއި ޑެޕިއުޓީ ލީޑަރުގެ އަރިހުން ރޭ ބޭއްވި އެޕާޓީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމާއި ގުޅޭ މައުލޫމާތު ހޯއްދެވި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މައުލޫމާތު ލިބުނީ އެމްޑީޕީ ޕީޖީ ގްރޫޕް އިން ވިޕްލައިން ނެރުނީ ގާނޫނުއަސާސީ އަށް ހުށަހަލާފައިވާ އިސްލާހު ބަލައިގަތުމަށް ކަމަށެވެ.

ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހަށް އެމްޑީޕީގެ ބައެއް މެންބަރުން އަންނަނީ ފާޅުގައި ދެކޮޅު ހައްދަވަމުންނެވެ. ސަބަބެއްގެ ގޮތުގައި އެ މެންބަރުން ވިދާޅުވަނީ މިއީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށާއި މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް އެ މެންބަރުން އަންނަނީ ވިދާޅުވަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.