މި ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ކުރުމަކީ އަމިއްލަ ނަފްސަށް މަކަރު ހެދުން: އިންތި

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ: ފޮޓޯ / މަޖިލިސް

މިއަދު ރާއްޖޭގައި އޮތް ހާލަތަކީ ނެތް ހާލަތަކަށް ހަދައިގެން ދިވެހި ރައްޔިތުންގެ ދުސްތޫރު އިސްލާހު ކުރުމަކީ އަމިއްލަ ނަފްސަށް މަކަރު ހެދުން ކަމަށް މާފަންދު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ ދައުރު އަންނަ މަހުގެ ތިންވަނަ ދުވަހަށް ހަމަވާތީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން މިއަދުގެ މަޖިލިސް ޖަލްސާގައި އިންތި ވިދާޅުވީ މިހާރުގެ ހާލަތު ހުރި ގޮތުން އެކަކު އަނެކަކާއި ބައްދަލުވާއިރު މުޅި މޫނުގައި ތިބެނީ ފޮތި އަޅައިގެން ކަމަށާއި މިވަގުތު ތިބި ހާލަތުން އެންމެ ކައިރީގައި އިންނަވާ މެންބަރު ވެސް އިންނަވަނީ ހިނި އައިސްފައި ކަމެއް ނުވަތަ ރުޅި އައިސްފައި ކަމެއް ނޭނގޭ ކަމަށެވެ. އެގޮތުން އިންތި ވަނީ މި ހާލަތަކީ ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ވަގުތެއްތޯ ކަމަށް ވިދާޅުވެ އެތައް ސުވާލުތަކެއް އުފައްދަވާފައެވެ.

"މިއީ ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ވަގުތެއްތޯ. އިންސާނީ ބުއްދިން ވިސްނާލިއަސް ގަބޫލުކުރެވޭތޯ އިއްޒަތްތެރި ރައީސް. މި ބަރަކާތްތެރި ރަމަޟާން މަސް ނިމިގެން މި ދިޔައީ ޖެހިގެން ހުން ނަ އެޕާޓުމަންޓުގައި އެއްބަނޑު އެއްބަފާ މީހުން ދިރިއުޅޭ ފްލޯތަކަށް އެކުގައި ރޯދަ ވީއްލާލުމަށް އިށީންނުމުގެ ފުރުސަތު ވެސް ނުލިބި. އެހާލަތުގައި މިތިބީ. މިއީ ހަމަ ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ވަގުތު. އަޅުގަނޑުމެންގެ މުސްކުޅި މައިންބަފައިން، ކޮންމެ މީހަކުވެސް ބޭނުންވާނެ އެމީހުން ގާތަށް ގޮސްލަން. އެއީ މާތްކަން އިތުރުވެގެންވާ ކަމެއް. މިހާލަތުގައި މައިންބަފައިން ގާތަށް ޒިޔާރަތް ނުކުރުން އެއީ މާތްކަން އިތުރުވެގެންވާ ކަމެއްގެ ގޮތުގައި މިހާރުގެ ހާލަތަށް ބަލާއިރުގައި އެކަން އޮތީ އެގޮތަށް، މިއީ ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ވަގުތެއްތޯ،" އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ގާނޫނުއަސާސީ އަކީ ދިވެހި ރައްޔިތުންގެ ދުސްތޫރު ކަމަށެވެ. ކޯފާ އިސްކުރައްވާ ވާހަކަދައްކަވަމުން އިންތި ވަނީ މި ހާލަތަކީ ރައްޔިތު މީހާ ކަމަކާއި ނުރުހިގެން މަގުމައްޗަށް ނުކިމެ ހިޔާލުފާޅު ނުކުރެވޭ ވަގުތަށްވާއިރު މިއީ ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ވަގުތެއް ނޫން ކަމަށް ވިދާޅުވެފައެވެ.

"ކޮންކަހަލަ ބައެއްތޯ އަޅުގަނޑުމެންނަކީ، ކޮންކަހަލަ ވިޕުތަކެއްތޯ މި ނެރެނީ، ކޮންކަހަލަ ނިންމުންތަކެއްތޯ މި ނިންމަނީ، ކޮން ކަހަލަ ލަފާތަކެއްތޯ ލިބެމުން މިދަނީ، މިނޫން ގޮތެއް ނެތީތޯ އިއްޒަތްތެރި ރައީސް. އޮތްކަމެއް ނެތް ކަމަކަށް ދެކިގެން ހަދައިގެން އަޅުގަނޑުމެން ގާނޫނުއަސާސީ އިސްލާހު ކުރަން ޖާގަ ހޯދުމަކީ އަމިއްލަ ނަފްސަށް މަކަރު ހެދުން އިއްޒަތްތެރި ރައީސް،" އިންތި ވިދާޅުވިއެވެ.

އިންތި މިފަދައިން ވިދާޅުވިއިރު މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ މަގާމުތައް ދަންމާލުމުގެ ގޮތުން ގާނޫނުއަސާސީ އިސްލާހު ކުރުމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ރޭ ވަނީ ނިންމާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.