ކޮމިޓީގެ ނިންމުންތައް ތަންފީޒުކުރަން ޖެންޑާ މިނިސްޓްރީ އަށް އަންގައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމި ނިންމުންތައް ތަންފީޒު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖެންޑާ މިނިސްޓްރީ އަށް އަންގަވައިފިއެވެ.

އެގޮތުން މަޖިލީހުގެ ކޮމިޓީން ވަނީ މިކަމާ ގުޅިގެން ޖުމްލަ 7 ނިންމުމެއް ނިންމާފައެވެ. އެ ނިންމުންތަކަކީ:

– ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް ދެނެގަންނާނެ މިންގަނޑުތައް ދެ ދުވަހެއްގެ ތެރޭގައި އެކުލަވާލައި އެކަން މަޖިލީހަށް އެންގުން

– ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް ދެނެގަތުމަށް އެކުލަވާލާ މިންގަނޑުތަކުގެ އަލީގައި، ދައުލަތުގެ ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކުގައި މިހާރު ހުރި މައުލޫމާތު ދިރާސާކޮށް، 7 ދުވަހުގެ ތެރޭގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް މިފަދަ އާއިލާތައް ދަފްތަރުކޮށް މިފަދަ އާއިލާތައް ގަވާއިދުން މޮނިޓާކުރާނެ ނިޒާމެއް އެކުލަވާލުން

– ސިޓީ ކައުންސިލުތަކާ، އަޔޮޅު ކައުންސިލުތަކާ އަދި ރަށު ކައުންސިލުތައް މެދުވެރިކޮށް ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިނުވާ ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައުލޫމަތު ދެނެގަނެ، 30 ދުވަހުގެ ތެރެގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތަކުގެ މައްޗަށް އެކުލަވާލާ ދަފްތަރުގައި މި މައުލޫމާތު ހިމެނުން

– ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވި، ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރެއިން މުޖުތަމައަށް ދޫކޮށްލާފައިވާ ފަރާތްތައް މިހާރުން މިހާރަށް ދެނެގަނެ، އެފަދަ މީހުން ދޫކޮށްފައިވާ ސަބަބުތައް އަލުން މުރާޖައާކޮށް، މިފަދަ މީހުން މޮނިޓާކުރާނެ ނިޒާމެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލުން

– ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ޝަރުއީ މަރުހަލާގައި އަވަސް ކުރުމަށްޓަކައި ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާކޮށް، އެފަދަ މައްސަލަތައް އެންމެ ލަސްވެގެން ނިންމަންޖެހޭ މުއްދަތެއް ކަނޑައެޅުމާއި ގުޅޭގޮތުން ރިޕޯޓެއް ތައްޔާރުކޮށް 30 ދުވަހުގެ ތެރޭގައި އެ ރިޕޯޓު މަޖިލީހަށް ފޮނުވުން

– ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކޮށް އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައިވާ މުއައްސަސާތަކުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓަތަކުގެ ޕާފޯމަންސް އޮޑިޓެއް 30 ދުވަހުގެ ތެރޭގައި ހަދާ، އެ ރިޕޯޓް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމމިޓީއަށް ހުށަހެޅުން

– 2009 ވަނަ އަހަރު ގާއިމް ކުރެވުނު ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް 30 ދުވަހުގެ ތެރޭގައި އަލުން ބޭނުން ކުރަން ފެށުން

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ހުރިހާ ކަމެއް ފަސްޖެހުމެއް ނެތި ކުރާނެ ކަމުގެ ޔަގީންކަންވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިރޭ ވަނީ ދީފަ އެވެ.

ހިޔާލު ދެއްވާ!

Your email address will not be published.