ކައުންސިލަރުންގެ ދައުރު ދަންމާލަން ހަސަން ލަތީފު ހުށަހެޅި ބިލު ކޮމެޓީން ފާސްކޮށްފި

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ނުގެނެސް މިހާރު ތިބި ކައުންސިލަރުންގެ ދައުރު ލޯކަލް ކައުންސިލު އިންތިހާބު ބޭއްވުމާއި ހަމައަށް ދިގު ދެންމޭނޭ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ލާމަރުކަޒީ ކޮމެޓީން ފާސްކޮށްފިއެވެ.

މި ބިލު ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. މި ބިލު ކޮމެޓީން ފާސްވީ ފަސް މެންބަރުންގެ ވޯޓުންނެވެ.

މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމެޓީގެ މުގައްރިރު ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވަނީ ކޮމެޓީގެ ސެކްރެޓޭރިއަޓުގެ އަރިހުން ބިލުގެ ކަންކަން ސެކްރެޓޭރިއަޓުން ނިންމާ މާދަމާ އޮންނަ މަޖިލިސް ޖަލްސާއަށް ބިލު އެޖެންޑާ ކުރުމަށް މަޖިލީހުގެ ޓޭބަލް އޮފީހަށް ބިލު ފޮނުވުމަށް އެދިލައްވާފައެވެ.

ލާމަރުކަޒީ ކޮމެޓީން ބިލު ފާސްކުރިއިރު ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ވެސް މަޖިލީހުން މިއަދު ވަނީ ފަށާފައެވެ. ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ އެ ބިލު ޕާކު ކޮށްފައި ބޭއްވުމަށްފަހުއެވެ. އަދި ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ނުކޮށް މަޖިލީހުން އެންމެ ފުރަތަމަ މަސައްކަތް ކުރީ އާއްމު ގާނޫނަކުން އެ ބިލުގެ މަސައްކަތް ކުރުމަށެވެ.

ނަމަވެސް ލާމަރުކަޒީ ކޮމެޓީން ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ ލަފާ ބިލާއި ގުޅޭ ގޮތުން ހޯއްދެވިއެވެ. އެމަނިކުފާނުގެ އިތުރުން މަޖިލީހުގެ ކައުންސެލަރު ޖެނެރަލްގެ ލަފާވެސް ކޮމެޓީން މިކަމުގައި ހޯދިއެވެ. ދެބޭފުޅުންވެސް ވިދާޅުވީ އާއްމު ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދަންމާ ނުލެވޭނެ ކަމަށެވެ. ނަމަވެސް މިއަދު ބިލުގެ މަސައްކަތް ކޮމެޓީން ނިންމިއިރު އެ ދެ ލަފަޔާ ގުޅިގެން ވޯޓަކަށް ވެސް އަހާފައެއް ނުވެއެވެ.

ބައެއް މެންބަރުން ވިދާޅުވަނީ ގާނޫނުއަސާސީ އިސްލާހު ނުކޮށް ސިމްޕަލް މެޖޯރިޓީއަކުން ފާސްކުރާ ގާނޫނަކުން ކައުންސިިލަރުންގެ ދައުރު ދަންމާލުމަކީ ގާނޫނުއަސާސީއާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އެގޮތުން އިދިކޮޅު ކޯލިޝަނުން ވަނީ އެފަދައިން މަޖިލީހުން އަމަލުކޮށްފި ނަމަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެފައެވެ.

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުންގެ ތެރެއިން ބައެއް މެންބަރުން ގާނޫނުއަސާސީ އިސްލާހު ކުރުމަށް ދެކޮޅު ހަދައެވެ. އެގޮތުން ބައެއް މެންބަރުން ވިދާޅުވަނީ މިއީ ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ހާލަތެއް ނޫން ކަމަށެވެ. ސަބަބެއް ކަމަށް އެ މެންބަރުން ވިދާޅުވަނީ ރާއްޖޭގައި ކޮވިޑް19 ގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުންނެވެ، ނަމަވެސް ބައެއް މެންބަރުން ވިދާޅުވަނީ މިއީ ގާނޫނުއަސާސީގައި ބުނެފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީ މި ހާލަތުގައި އިސްލާހު ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް މެންބަރުން ފާހަގަކުރައްވައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.