ތައިލޭންޑުން ރާއްޖެ އަށް 10 ވެންޓިލޭޓަރު ހަދިޔާކޮށްފި

ތައިލޭންޑުން ރާއްޖެ އަށް ވެންޓިލޭޓަރުތައް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ތައިލެންޑުން ރާއްޖެ އަށް 10 މިނީ ވެންޓިލޭޓަރު ހަދިޔާކޮށްފިއެވެ.

ތައިލެންޑް ސަރުކާރާއި އެގައުމުގެ ކިންގް މޮންކުންޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ގުޅިގެން ރާއްޖެ އަށް ހަދިޔާކުރި މި ވެންޓިލޭޓަރުތަކާ ހަވާލުވެވަޑައިގަތީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ޖިނާހުއެވެ.

ތައިލޭންޑުން 10 ވެންޓިލޭޓަރު ރާއްޖެ އަށް ހަދިޔާކޮށްފައިވާއިރު ދާދިފަހުން އެގައުމުގެ މައިނާ ހޮޓެލްސް ގްރޫޕުން ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ބޭނުންކުރާ، ޕީސީއާރް މެޝިނަކާއި 100 ގެލޮންގެ ހޭންޑް ސެނިޓައިޒާ ރާއްޖެ އަށް ހަދިޔާކޮށްފައެވެ.

ކޮވިޑަށް ޓެސްޓު ކުރުމުގެ ކަންކަން ރާއްޖޭގައި މިހާރު ކުރަމުން އަންނަނީ އައިޖީއެމްއެޗާއި ފުލުހުންގެ ލެބުގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުގައެވެ.

ބޭރުގެ އެކި ގައުމުތަކުން ރާއްޖެ އަށް އެހީވަމުން އަންނައިރު، ދާދިފަހުން ވެލާ ރިސޯޓުގެ އޯނަރުން ކަމަށްވާ ޗެކް ރިޕަޕްލިކަށް ނިސްބަތްވާ ޖިރީ ސްމެކް އާއި ޑެނިއަލް ކްރެޓިންސްކީގެ ފަރާތުން ރާއްޖެއަށް ވަނީ 10،000 ޓެސްޓު ކިޓާއި، 5 ވެންޓިލޭޓަރާއި، 10،000 ފޭސް މާސްކާއި 200 ރެސްޕިރޭޓަރާއި 500 ޕީޕީޓީ ކިޓް ހަދިޔާކޮށްފައެވެ.

މީގެއިތުރުން ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް)ގެ އޯނަރު އަދި ބިލިއަނަރު އޮންގް ބެންގް ސެންގް ވަނީ ރާއްޖެ އަށް 15 ވެންޓިލޭޓަރު ހަދިޔާކޮށްފައެވެ. އަދި ސިންގަޕޫރުގެ އިތުރު ކުންފުންޏަކުން ރާއްޖެއަށް 5000 ޓެސްޓު ކިޓު ވެސް ވަނީ ހަދިޔާކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.