ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އިސްލާހު ކުރުން ބުރާސްފަތި ދުވަހު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި: ފޮޓޯ / މަޖިލިސް

އެޖެންޑާއިން ނަގާ ޕާކު ކޮށްފައި އޮތް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް މިއަދު ފަށައިފިއެވެ. އަދި އެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހު ނިންމާލައްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް19 އަށް ރައްކާތެރިވުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކަކާއި އެކު މިއަދު މަޖިލީހުގެ ތަޅުމުގައި ބޭއްވި ޖަލްސާ ނިންމާލައްވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ގާނޫނުއަސާސީ އަށް ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް) ހުށަހަޅާފައިވާ މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ ދައުރު ދަންމާލާ އިސްލާހުގެ މަސައްކަތް އަންނަ ބުރާސްފަތި ދުވަހަށް ނިންމާލެއްވުމަކީ އެމަނިކުފާނުގެ އަމާޒު ކަމަށެވެ.

މިއަދުގެ ޖަލްސާގައި ބިލަށް ވަނީ ބަހުސް ކުރައްވާފައެވެ. ނަމަވެސް ހުރިހާ މެންބަރުންނަށް ބިލަށް ބަހުސް ކުރުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނުވާތީ ރައީސް ނަޝީދު ވަނީ މާދަމާގެ ޖަލްސާގައި އިތުރު މެންބަރުންނަށް ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ވެސް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރިއެވެ. ނަމަވެސް ފަހުން ވަނީ އެ ބިލް އެޖެންޑާ އިން ނަގައިފައެވެ. ބިލު ނެގުމަށްފަހު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ވަކިން ބިލެއް ހުށަހަޅާފައެވެ.

އެބިލު މަޖިލީހަށް ހުށަހެޅުމުން ގިނަ މެންބަރުން ވަނީ ގާނޫނުއަސާސީ އިސްލާހު ނުކޮށް ކައުންސިލަރުންގެ ދައުރު ދަންމާ ނުލެވޭނެ ކަމަށް ވިދާޅުވެ ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ. ނަމަވެސް އެ ބިލު މަޖިލީހަށް ބަލައިގަތެވެ. އަދި އެއަށްފަހު ބިލު ދިރާސާ ކުރާ ލާމަރުކަޒީ ކޮމެޓީން ވަނީ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު އަދި މަޖިލީހުގެ ކައުންސެލާ ޖެނެރަލްގެ ލަފާ ވެސް ހޯއްދަވާފައެވެ. އެ ދެ ބޭފުޅުން ވެސް ވަނީ ގާނޫނުއަސާސީ އިސްލާހު ނުކޮށް މަޖިލީހުން ފާސްކުރާ އާއްމު ބިލަކުން ކައުންސިލަރުންގެ ދައުރު ދަންމާ ނުލެވޭނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.