ބޮޑު ހިޔާނާތާއި މަރުގެ މައްސަލަތައް ބެލުމަށް ޖޮއިންޓު ކޮމެޓީއެއް

ރައްޔިތުން މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / މަޖިލިސް

ރާއްޖޭގެ ފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު އެއް ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތާއި މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުން ޖޮއިންޓު ކޮމެޓީއެއް އެކުލަވާލައިފިއެވެ.

މި މައްސަލަތައް ބަލަނީ ޖުޑީޝަރީ ކޮމެޓީ އަދި މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީ (241 ކޮމެޓީ) ގުޅިގެންނެވެ. މި މައްސަލަތައް ބަލަން ފަށާފައި މިވަނީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އިބްރާހިމް މުއިއްޒު އެ މައްސަލަތަކުގެ ތަހުގީގުވީ ހިސާބެއް ބެލުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީ އަކުން އެންގެވި ހިސާބުންނެވެ. ނަޝީދު ވަނީ ޖުޑީޝަރީ ކޮމެޓީ އަދި 241 ކޮމެޓީއަށް ވަކިވަކިން އެ މައްސަލަ ހުށަހަޅާފައެވެ.

ރޭ ވަނީ ޖުޑީޝަރީ ކޮމެޓީގައި އެކަމާއި ގުޅޭ ބައްދަލުވުމެއް ބާއްވާފައެވެ. އެ ކޮމެޓީގައި ވާހަކަދައްކަވަމުން 241 ކޮމެޓީގައި ވެސް ހިމެނިވަޑައިގަންނަވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ 241 ކޮމެޓީން އެކަމުގައި ގިނަ މައުލޫމާތުތަކެއް ހޯދާފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ދެ ކޮމެޓީން އެއް މަސައްކަތެއް ކުރުމަށްފަހު ކޮމެޓީތަކުގެ ދެ މުގައްރިރުން ވާހަކަ ދެއްކުމަށްފަހު ދެ ކޮމެޓީ އެއްކޮށް އެ މަސައްކަތް ކުރުމަށް އޭނާ އެދިލެއްވިއެވެ.

އެހެންކަމުން ހަސަން ލަތީފު އެދިލެއްވި ފަދައިން ޖުޑީޝަރީ ކޮމެޓީން ވަނީ އެ މައްސަލަތައް ދެ ކޮމެޓީ އެކުވެގެން ކުރުމަށް ފާސްކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *