ކޮވިޑް19 އާ ގުޅިގެން ރިސޯޓުތަކުން އަމިއްލަ ރަށަށް ދާން ބޭނުންވެފައިވާ ތިބި މުވައްޒަފުންގެ ތެރެއިން 400އަށްވުރެ ގިނަ ރިސޯޓު މުވައްޒަފުން ކަރަންޓީނު ކުރެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތެރެއިން އަމިއްލަ ރަށަށް ދިއުމަށްޓަކައި މާލެ އައިސް، މާލޭގެ ލޮކްޑައުންގައި ތިބި މީހުން ކަރަންޓީނު ފެސިލިޓީތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 467 މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މުވައްޒަފުން ރަޖިސްޓްރީވުމަށް ހުޅުވާލުމުން 582 ފަރާތެެއް ނަން ނޯޓުކުރި ކަމަށްވެސް ޓޫރިޒަމް އިން ބުންޏެވެ. އެ މިނިސްޓްރީން ބުނީ ނަން ނޯޓުކުރި މީހުންނަކީ ރިސޯޓު މުވައްޒަފުންތޯ ޔަގީން ކުރުމުގެ މަސައްކަތަށްފަހު، ލިސްޓުން 80 މީހަކު އުނިކޮށްފައިވާ ކަމަށެވެ. އަދި ބާކީ ތިބި 502 މީހުންގެ ތެރެއިން 35 މީހަކު ފިޔަވައި ދެން ތިބި މީހުން ތިބީ ކަރަންޓީނުގައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ލިސްޓުގައި ދެން ހިމެނޭ މީހުންވެސް ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ކޮވިޑް19 ގެ ހާލަތުގައި އެންމެ ބޮޑު ގުރުބާނީއެއްވި އެއްބަޔަކީ ރިޒޯޓު މުވައްޒަފުން ކަމަށެވެ. އަދި މިހާލަތުގައި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް މަސައްކަތްކޮށް ރިޒޯޓުތަކުގެ މެނޭޖްމަންޓާއި މުވައްޒަފުން ދީފައިވާ އެއްބާރުލުމަށް އެ މިނިސްޓްރީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.