މޮނީޓަރިންގެ ހާލަތުން ނެގިތާ 14 ދުވަސްވީ ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދެނީ

އޭދަފުށީގައި އީދު ކުޅިވަރު ކުޅެނީ: ފޮޓޯ / އޭދަފުށި ޓައިމްސް

ރާއްޖޭގައި ކޮވިޑް19 ފެނިފައި ނުވާ ރަށްތަކާއި އަދި އެބަލި ފެނި މޮނީޓަރިންގެ ހާލަތަށް ލުމަށްފަހު ނަގާފައިވާ ރަށްތަކުގެ ތެރެއިން 14 ދުވަސް ހަމަވެފައިވާ ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދީފިއެވެ.

ޔޫތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފެތުރިފައި ނުވާ ރަށްތަކާއި މޮނީޓަރިންގެ ހާލަތު ނިމި 14 ދުވަސް ވެފައިވާ ރަށްތަކުގައި ކުޅިވަރު ކުޅުމުގެ ހުއްދައަށް ގިނަ އަދަދެއްގެ ޒުވާނުން އެދެމުން އަންނަ ކަމަށެވެ. އެހެންކަމުން އެކަމުގައި އެޗްޕީއޭގެ އިތުރުން ޓެގް ޓީމާއި އެކުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ޔޫތު މިނިސްޓްރީން ބުނީ ބަލި ފެތުރިފައި ނުވާ ރަށްތަކާއި މޮނީޓަރިންގެ ހާލަތު ނިމި 14 ދުވަސް ވެފައިވާ ރަށްތަކުގެ ކައުންސިލްތަކުން އެ ރަށް ރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުނާމެދު އިއުތިރާޒެއް ނެތް ކަމަށް އެޗްޕީއޭ އާއި ޓެގުން ބުނެފައިވާ ކަމަށެވެ.

އެފަދައިން އިއުތިރާޒު ކުރި ނަމަވެސް ގިނަ މީހުން އެއްވެގެން ކުޅޭ ކުޅިވަރުތައް ކުޅުން ފަދަ އެއްވެސް ހަރަކާތެއް ހިންގުމަށް ހިތްވަރު ނުދޭ ކަމަށާއި ވީހާވެސް ބޮޑަށް ގައިދުރު ކަމަށް އިސްކަން ދިނުމަށް ހިތްވަރުދޭ ކަމަށް އެޗްޕީއޭ އާއި ޓެގު ޓީމުން ބުނެފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

ކުޅިވަރު ކުޅުމުގެ ހުއްދަ ދިން ނަމަވެސް ކޮންމެ ވަގުތެއްގައިވެސް ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރަން ޖެހިދާނެ ކަމަށް ކަމާބެހޭ ފަރާތްތަކާއި ހަވާލާ ދީ ޔޫތު މިނިސްޓްރީން ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *