މިއީ ފަތުރުވެރިން އަތުން އިތުރަށް ޓެކްސް ނަގަންވީ ވަގުތެއް ނޫން: އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

މިވަގުތަކީ ފަތުރުވެރިންގެ އަތުން އިތުރަށް ޓެކްސް ނުނަގާ އެމީހުންނަށް ހެޔޮ ހިތުން މަރުހަބާ ކިޔަންވީ ވަގުތު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ އދ. މައި ޖަމިއްޔާ "ޔޫއެންޑަބްލިއުޓީއޯ" އިންތިޒާމު ކޮށްގެން މިއަދު ބޭއްވި "ވެބިނާ އޮން ދަ އިމްޕެކްޓު އޮފް ކޮވިޑް19 އޮން އިންޓަނޭޝަނަލް ޓޫރިޒަމް" ވެބިނާގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މި ދަނޑިވަޅަކީ ހުރިހާ ގައުމަކުން ވެސް ބަލީގެ ހާލަތު ގޯސްވިޔަ ނުދީ ގައުމުތަކުގެ ބޯޑަރުތަކާއި އެއާޕޯޓުތަކާއި ޓޫރިސްޓު ފެސިލިޓީތަކުގައި ބައިނަލްއަގުވާމީ އެއް މިންގަނޑަކަށް ރައްކާތެރިކުރުމުގެ ފިޔަވަޅުތައް ހަރުދަނާ ކުރަންވީ ވަގުތު ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އަގުނުކުރެވޭ ވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި ރައްޔިތުންގެ އާއްމު ދިރިއުޅުން ހުއްޓު މުޅި އިގްތިސޯދު ވެސް ހުއްޓިފައިވާ ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މަންޒިލުގެ ރައްކާތެރިކަމުގެ އިތުބާރަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ބިންގާ ކަމަށެވެ. އަދި ރާއްޖޭގެ ބޯޑަރު ހުޅުވާލާނީ އެ އިތުބާރާއި އެކުގައި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް19 އާއި ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު މާޗު މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް އޮން އެރައިވަލް ވިސާ ދިނުން ވަނީ ހުއްޓާލައިފައެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކުގައި އިގްތިސޯދު ހުޅުވާލުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *