ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަޖިލީހުގެ ޖަލްސާ، މަޖިލިސް އިދާރާގައި ބާއްވަން ނިންމައިފި

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކާއި އެކު ބޭއްވުމަށް މަޖިލީހުން ނިންމައިފިއެވެ.

މަޖިލިސް އިދާރާއިން ބުނީ މަޖިލިސް ޖަލްސާ ކުރާ މާލަމުގައި ގިނަވެގެން ތިއްބަވާނީ 42 މެންބަރުން ކަމަށެވެ. އަދި މެންބަރުން އިށީނދެ ވަޑައިގެން ތިއްބަވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކަށައަޅައި، އަދި އަންގާފައިވާ ދުރުމިނުގައި ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ.

މަޖިލިސް އިދާރާއިން ބުނީ މީގެކުރިން އެއް މޭޒުކޮޅެއްގައި ދެ މެންބަރުން ތިއްބެވި ނަމަވެސް ދެން އެފަދައިން ނުތިއްބަވާނެ ކަމަށެވެ. މަޖިލީހުން ބުނީ ވަކި އިންތިޒާމެއްގެ ދަށުން ވޯޓު ގަޑީގައި މެންބަރުން ވޯޓުގައި ބައިވެރިވެވަޑައިގަތުމަށް ފަހު މާލަމުން ނިކުންނަވާނެ ކަމަށެވެ. އަދި ޖަލްސާގައި ބައިވެރިނުވާ މެންބަރުންވެސް ވޯޓު ލުމަށް ވަޑައިގަންނަވާނެ ކަމަށާއި އަމަލު ކުރައްވާނީ ހަމަ އެއްގޮތަކަށް ކަމަށް މަޖިލިސް އިދާރާއިން ބުންޏެވެ.

މަޖިލީހުގެ އިދާރީ މޭޒުގައި ވެސް ތިއްބަވާނީ ޖަލްސާ ކުރިޔަށް ގެންދިއުމަށް ބޭނުންވާ އެންމެ މަދު މުވައްޒަފުން ކަމަށް މަޖިލީހުން ބުނެއެވެ. މެންބަރުންނާއި މުވައްޒަފުން ތިއްބަވާނީ މާސްކް އަޅައިގެންނެވެ. އެކަންކަން ތަންފީޒު ކުރަމުން ގެންދާނީ މަޖިލީހުގެ ރައީސް އަންގަވާ ގޮތެއްގެ މަތިން ސާޖެންޓު އެޓް އާމްސްއެވެ.

މަޖިލީހުން އޮންލައިންކޮށް ޖަލްސާތައް ބާއްވަން ފަށާފައި ވަނީ މާޗު މަހުގެ 30ވަނަ ދުވަހުއެވެ. އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށް، މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމުގެ ބާރާއި އިހުތިޔާރު ރިޔާސަތަށް ލިބިދީފައި ވީ ނަމަވެސް، މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލިސް ބަންދުނުކުރެވޭނެ ކަމަށެވެ.

ކޮވިޑް19 ގެ ބިރު އޮތުމުން ރައްޔިތުންގެ މަޖިލިސް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނަމަވެސް މަޖިލީހުން ވަނީ މިދިޔަ މަހުގެ މެދެއްހާ ހިސާބުގައި އޮންލައިން ޖަލްސާތައް ކުރިޔަށް ގެންދިއުން މެދުކަނޑާލައިފައެވެ. އަދި ޖަލްސާތައް މަޖިލިސް އިދާރާގައި ބޭއްވުމަށް ނިންމިއެވެ. އެކަމަށްޓަކައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ކޮމެޓީތަކުގެ މުގައްރިރުންނާއި އެކުގައި ބައްދަލުވުމެއް ބޭއްވިއެވެ. ނަމަވެސް އޭގެ ދެތިން ދުވަސް ފަހުން މާލެއިން ކޮވިޑް19 ވައިރަސް ފެނި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން އަނެއްކާވެސް އޮންލައިންކޮށް ޖަލްސާތައް ގެންދަން ފެށީއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.