ކުރީ ސަރުކާރުން ކޮށްފައިވާ ކަންކަން ބަލާނެ ކަމުގެ ޔަގީންކަން އިމްރާން ދެއްވައިފި: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ: ފޮޓޯ / ސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިނގާދިޔަ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ކުރިޔަށް ގެންދަވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްވައިފި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފިތުރު އީދުގެ ތަހުނިޔާ ދަންނަވާލުމަށް އެމަނިކުފާނު މިނިސްޓަރު އިމްރާނަށް ގުޅުއްވި ކަމަށެވެ. އަދި މިދިޔަ ސަރުކާރުން ހިންގާފައިވާ ކޮޕަރްޝަނާއި ވައްކަމާއި މަރުތަކުގެ މައްސަލަތައް ކުރިޔަށް ގެންދިއުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު އިމްރާން ދެއްވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ބެހެއްޓުމަކީ އިންސާފުވެރިކަމެއް ނޫން ކަމަށް އެމަނިކުފާނު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، އެމްޑީޕީ ވަޓްސްއަޕް ގުރޫޕަކަށް އެމަނިކުފާނު އަތްޕުޅުން ލިޔުއްވާ ހިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ އަމަލުފުޅުތަކަށާއި ހިޔާލުފުޅުތަކަށް އެއްވެސް އިރެއްގައި އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީން ހަމައެކަނި ޖަލުގައި ބެހެއްޓުމަކީ އެމްއެމްޕީއާރްސީގެ މައްސަލާގައި ލިބިގެންދިޔަ މާބޮޑު އިންސާފެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވެރިކަމަށް އައުމަށްޓަކައި އެމްޑީޕީން އެންމެ ބޮޑަށް ވިއްކި އެއްޗަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލާ ތަހުގީގުކޮށް މީހުންނަށް އަދަބު ދޭނެ ކަމަށެވެ.

“އަޅުގަނޑުމެން ބުނީ ކުރީގެ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށް. އަދި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ވެސް ނެތް،” ނަޝީދު ވިދާލުވިއެވެ. ރައީސް ނަޝީދު އެ މެސެޖު ނިންމާލައްވަމުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންވެސް ހަމަ އެފަދަ ކަމަށާއި ކުރަން ބުނި ކަންކަން ޖެހޭނީ ކުރަން ކަމަށެވެ

މީގެއިތުރުން މި މައްސަލަތަކުގެ ތަހުގީގު ވީ ހިސާބެއް ބެލުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ މައްސަލައެއް ވެސް ހުށަހަޅާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.