މިއަހަރުގެ އޯލެވެލް އިމްތިހާނު އަންނަ އަހަރު ބޭއްވުމަށް ނިންމައިފި

ދަރިވަރުންތަކެއް އިމްތިހާނެއްގައި: ފޮޓޯ / މިހާރު

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޯލެވެލް އިމްތިހާނު އަންނަ އަހަރުގެ މެއި މަހު ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއަހަރަށް ތާވަލުކުރި ހުރިހާ ސާނަވީ އިމްތިހާނުތަކެއް އަންނަ އަހަރުގެ މެއި އަދި ޖޫން މަހަށް ތާވަލު ކޮށްފައިވާ ކަމަށެވެ. މި ބަދަލު ގެނައުމުން އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ހަދާ ޝަހާދާ ސާނަވިއްޔާގެ އިމްތިހާނު ވެސް މިއަހަރު ނޯންނާނެ ކަމަށެވެ. އަދި އެ އިމްތިހާނުވެސް އޮންނާނީ އަންނަ އަހަރުގެ މެއި އަދި ޖޫންގައި ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

އިމްތިހާނުތައް ފަސްކޮށްފީ ނަމަވެސް މިހާރު ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި އަރަބިއްޔާ ސްކޫލުގެ ޝަހާދާ ސާނަވިއްޔާ ހަދަން ހަމަޖެހިފައިވާ ދަރިވަރުން 2021 ވަނަ އަހަރު މޭ ޖޫން އިމްތިހާނުތައް ނިމެންދެން އެދަރިވަރަކު މިހާރު ކިޔަވަމުންދާ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި ދެމިތެބޭނެ ކަމަށެވެ.

އަންނަ އަހަރު މޭ ޖޫން އަށް އޯލެވެލް އިމްތިހާނު ބޭއްވުމަށް ތާވަލް ކޮށްފައިވަނީ ކޮވިޑް19 ގެ ސަބަބުން މިއަހަރު ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުން ބައިވެރިވާ ސާނަވީ ނިންމާ އިމްތިހާން ތަކަށް ބޭނުންވާ ސިލަބަސް ނިންމައި އިމްތިހާން ތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބޭނެކަމަށް ނުފެންނާތީ ކަމަށް އެޑިއެކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.