ރައީސްގެ އީދު ތަހުނިޔާ: މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ގުޅުންތައް ބަދަހިކުރައްވާ!

ކޮވިޑް19 ގެ ސަބަބުން، އިޖްތިމާއީ ގައިދުރުކަން ދަމަހައްޓަން މަޖުބޫރުވެފައި ވިޔަސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ގުޅުންތައް ބަދަހިކުރުމުގެ ވަރަށް ފަހި ފުރުސަތުތަކެއް ތަނަވަސްވެފައި އޮތުމާއެކު، އީދު ދުވަހަކީ މުވާސަލާތީ ވަސީލަތްތަކުގެ އެހީގައި، އެ ގުޅުންތައް ބަދަހިކުރުމަށް ހުރިހާ ބޭފުޅުންވެސް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

މާދަމާ އަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމުން ދިވެހި އެންމެހާ ރައްޔިތުންނަށް ރައީސް ސޯލިހު ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި އެކުގައި ދިރިއުޅޭ މީހުންނާ އެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް އިސްކަން ދިނުމާއި، ދުރުގައި ދިރިއުޅުއްވާ ގާތްތިމާގެ މީހުންނާއި އެކުވެރިންނާއެކު ވެސް، މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް، ވަގުތުކޮޅެއް ހޭދަކޮށްލައި، ހާލުއަހުވާލު އޮޅުންފިލުވައި، އީދުގެ ތަހުނިޔާ ބަދަލުކުރެއްވުމަކީ، މިއަދާ ވަރަށް މުނާސަބު ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮވިޑް19 ގެ ސަބަބުން، ތަފާތު ނިކަމެތި ހާލަތްތައް މެދުވެރިވެފައިވާ ކިތަންމެ ބަޔަކު، މުޖްތަމައުގައި ތިބިކަން ހަނދާންކޮށް، އެމީހަކަށް ވެވުނު އެންމެ ދީލަތި ގޮތެއްގައި، އެފަދަ މީހުންނަށް އެހީތެރިވުމަކީ، މި އުފާވެރި ފިތުރު އީދުގެ ދަރުމައާއި ސަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެއްކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ގޭތެރޭގައި ބަންދުވެފައި ތިބޭ މި ދުވަސްކޮޅުގައި، މައިންބަފައިންނާއި ދަރިން، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެދިނުމުގެ ރީތި ސިފަ އަށަގެންނެވުމަށާއި، އާއިލާގެ ތުއްތު ކުދީންނަށް އޯގާތެރިކަމާއި ލޯތްބާއެކު، ހޭހަންކުރުމަށާއި، އުމުރުން ދުވަސްވެފައި ތިބި މާމައިންނާއި ކާފައިންނަށް އޯގާތެރިކަމާއި ކުލުނާއެކު، ހިދުމަތްކޮށްދިނުމުގެ ރޫހު އާލާކުރެއްވުމަކީ މުހިންމު ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ތަހުނިޔާގެ މެސެޖުގައި ގެއިން ބޭރަށް ނުނިކުމެ ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމުން، ކުރިމަތިވާ ނަފްސާނީ އުނދަގޫތައް ލުއިކުރުމަށްޓަކައި، އާއިލާގެ މެންބަރުން އެކުގައި، ފައިދާހުރި ވަގުތުތަކެއް ހޭދަކުރާނެ އިންތިޒާމެއް ހަމަޖެއްސުމަކީ ވެސް ވަރަށް މުހިންމު ކަމެއްކަމުގައި އެމަނުކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ފިތުރު އީދު ބައްދަލުކުރީ، ކެތްތެރިވުމަށާއި އިސްރާފު ނުކުރުމަށާއި އިގްތިސާދުކުރުމަށް ނަފްސުތައް ތަރުބިއްޔަތު ކޮށްދިން މޫސުމަކަށް ފަހުގައިކަމަށްވުމާއެކު، އަދި މިއީ ގައުމުގެ އިގްތިސޯދު ހުއްޓުމަކަށް އައިސްފައިވާ ވަގުތެއް ކަމުން، ރަމަޟާން މަހުން ހާސިލުވި މި ސިފަތަކުގެ މަތީގައި، ކުރިއަށް އޮތް ދުވަސްތައް ހޭދަކުރެވޭތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ގައުމު މިހާރު ތަހައްމަލު ކުރަމުންދާ ދަތި އުނދަގޫ ޙާލަތުން އަރައިގަތުމުގައި އެންމެ ބޮޑަށް ބޭނުންވަނީ އެންމެންގެ އެކުވެރިކަމާއި އެބާރުލުންކަމުގައި ފާހަގަކުރައްވާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.