ކަރަންޓާއި ފެނުން 60 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފި

ކަރަންޓުގެ ހިދުމަތް ދެމުން ގެންދާ އެންމެ ބޮޑު ކުންފުނި ސްޓެލްކޯ-ފޮޓޯ: ގޫގުލް

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު އިނދަޖެހި ރައްޔިތުން ކާންބޯން ކުރަމުން ދިޔަ ގިނަ މަސައްކަތްތައް ހުއްޓި ރައްޔިތުންގެ މާލީ ހާލަތު ދަތިވުމުގެ ސަބަބުން އެކަމަށް އެހީވުމަށް ސަރުކާރުން ނިންމާ ކަރަންޓާއި ފެނުން 60 މިލިއަން ޑިސްކައުންޓެއް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކޮވިޑް19ގެ ހާލަތާއި ގުޅިގެން ސަރުކާރުން އެކުލަވާލި ރިލީފު ޕެކޭޖުން 2.5 ބިލިއަން ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެ ޕެކޭޖުގެ ތެރެއިން ފެނާއި ކަރަންޓް ބިލުން ޔޫޓިލިޓީސް ޑިސްކައުންޓްގެ ގޮތުގައިވެސް ބޮޑު އަދަދެއް ހަރަދު ކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކަރަންޓާއި ފެން ބިލުން ބައެއް ހިލޭ ކޮށްދިނުމަށް ފެން ބިލްތަކުގެ ޑިސްކައުންޓަށް 10.9 މިލިއަން ރުފިޔާއާއި 92,588 ގޭބިސީއެއްގެ ކަރަންޓް ބިލަށް 49.7 މިލިޔަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. ޖުމްލަ 46,417 ގެއަކަށް ފެނުން ޑިސްކައުންޓު ދީފައިވާ ކަމަށާއި ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް 12,661 ގޭބިސީއަކަށް ޖުމްލަ 0.3 މިލިއަން ރުފިޔާގެ ޑިސްކައުންޓާއި އެމްޑަބްލިއުއެސްސީ މެދުވެރިކޮށް 33,198 ގޭބިސީއަކަށް ޖުމްލަ 9.8 މިލިއަން ރުފިޔާގެ ޑިސްކައުންޓް އަދި ސްޓެލްކޯ މެދުވެރިކޮށް 558 ގޭބިސީއަކަށް ޖުމްލަ 0.8 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

ޖުމްލަ 92,588 ގޭބިސީއަކަށް ކަރަންޓުން ޑިސްކައުންޓު ދީފައިވާއިރު ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް 46,839 ގޭބިސީއަކަށް 22 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ވަނީ ދީފައެވެ. އެމްޑަބްލިއުއެސްސީ މެދުވެރިކޮށް 681 ގޭބިސީއަކަށް ޖުމްލަ 0.3 މިލިއަން ރުފިޔާގެ ޑިސްކައުންޓް އަދި ސްޓެލްކޯ މެދުވެރިކޮށް 45,068 ގޭބިސީއަކަށް ޖުމްލަ 27.4 މިލިއަން ރުފިޔާގެ ޑިސްކައުންޓު ވަނީ ދީފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.