ޕެންޝަން ފަންޑުގައި ހުރި އެކައުންޓުތަކުގެ 90 ޕަސެންޓު ފައިސާ އުޅެނީ 10،000 ރުފިޔާގައި

އުމުރުން ދުވަސްވީ މީހުން ތަކެއް: ހަތާވީސް ފޮޓޯ / މުހައްމަދު އަފްރާހު

ރާއްޖޭގެ ޕެންޝަން ފަންޑުގައި މިހާރު ހުރި އެކައުންޓުތަކުގެ 90 ޕަސެންޓު އެކައުންޓުތަކުގައި އުޅެނީ 10,000 ރުފިޔާ ކަމަށް ޕެންޝަން އޮފީހުގެ އެކްޓިން ސީއީއޯ ފާތިމަތު ސުޖާތާ އަލީ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސުޖާތާ ވިދާޅުވީ ގިނަ މީހުންގެ ޕެންޝަން އެކައުންޓުގައި ފައިސާ ހުރީ އެއްލައްކަ ރުފިޔާ އަށް ވުރެ ދަށުގައި ކަމަށެވެ. ސުޖާތާ ވިދާޅުވީ، އަމިއްލަ ފަރުދުންގެ ތެރެއިން ދިހަ ހާސް ރުފިޔާއިން ދަށުގައި އެކައުންޓް ބެލެލެންސް ހުރީ 19 އިންސައްތަ މީހުންގެ ކަމަށެވެ. އަދި 450،000 ރުފިޔާއިން މަތީގެ ފައިސާ ހުރީ އެންމެ 2 އިންސައްތަ މީހުންގެ ކަމަށެވެ.

ސުޖާތާ ވަނީ ޕެންޝަން ފަންޑްގެ އިންވެސްޓްމަންޓްތައް ފުޅާކުރުމުގެ ދިރާސާ ވޯލްޑް ބޭންކާއެކު މަސައްކަތް ކުރަމުންދާ ކަމަށާއި މި މަސައްކަތް ނިމުމުން ޕެންޝަން ފަންޑުން އިތުރަށް އިންވެސްޓްކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ޕެންޝަން ފަންޑުގެ ބައިވެރިން ޑިސެބިލިޓީ އިންޝިއުރެންސް ސްކީމެއް އިންޝުއަރ ކުރުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށާއި މި ސްކީމްގެ ދަށުން ވަޒީފާ އަދާކުރަމުން ދަނިކޮށް ދިމާވާ ނުކުޅެދުންތެރިކަމުގެ ހާލަތުގައި މާލީ އެހީތެރިކަން ލިބޭނެގޮތް ހަމަޖެހިގެންދާނެކަމަށް ސުޖާތާ ވިދާޅުވިއެވެ.

ސުޖާތާ ވިދާޅުވީ، ފާއިތުވި 10 އަހަރުގެ ތެރޭގައި ޕެންޝަން ފަންޑްގައި ހުރި ފައިސާ އިންވެސްޓްކޮށްގެން 3.9 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެ ފައިސާ އިންވެސްޓްކޮށްފައި ވަނީ ޓީބިލާއި، ޓީބޮންޑާއި، އިކުއިޓީ އާއި ބޭންކް ޑިޕޮޒިޓްގެ އިތުރުން ސުކޫކް އަދި ކޯޕަރޭޓް ބޮންޑު ގަތުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.