ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޖާބިރު މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

Jabir
ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވަގުތުން މިނިވަން ކުރުމަށް ގޮވާލާ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހީނަރުވެ، ރައްޔިތުން ބިކަހާލުގައި ޖެހުމުގެ ފުރުސަތު ބޮޑުވެފައި އޮތް މި ދަނޑިވަޅުގައި ޔާމީން ވަގުތުން ޖަލުން މިނިވަންކޮށް، އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވާ ޔާމީންގެ ފަރާތްޕުޅުން މިވަގުތު ހޯއްދެވެން އޮތް އެހީތެރިކަމެއް ހޯދުމަށް މަޝްވަރާ ކުރެއްވުމަކީ މިވަގުތު ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ޗައިނާ އާއި ސައުދީ އަރަބިއްޔާ އަކީ ޔާމީންގެ ސަރުކާރާއި ވަރަށް ގާތް ގުޅުމެއް ބޭއްވި ދެ ގައުމު ކަމަށާއި މި ދެ ގައުމުގެ އެހީތެރިކަން މިހާރަށް ވުރެ ބޮޑަށް ރާއްޖެ މި ހާލަތުން އަރައިގަތުމަށް ޔާމީނަށް ހޯއްދަވައިދެއްވޭނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުން އެއްގަލަކަށް އަރައި، ސިޔާސީ ވާދަވެރިކަން ނެތިކޮށްލައި ގައުމީ ރޫހެއްގައި ރައްޔިތުންނާއި ގައުމު ސަލާމަތްކުރުމުގެ މާތް މަގުސަދުގައި މިކަން ކުރުމަށް ވެސް ޖާބިރު ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ޖާބިރު ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ގަރާރެއް ހުށަހެޅިއިރު އެމްޑީޕީ ވަޓްސްއަޕް ގުރޫޕަކަށް ރައީސް ނަޝީދު ފޮނުވި މެސެޖެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އަމަލުފުޅުތަކަށާއި ހިޔާލުފުޅުތަކަށް އެއްވެސް އިރެއްގައި އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީން ހަމައެކަނި ޖަލުގައި ބެހެއްޓުމަކީ އެމްއެމްޕީއާރްސީގެ މައްސަލާގައި ލިބިގެންދިޔަ މާބޮޑު އިންސާފެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވެރިކަމަށް އައުމަށްޓަކައި އެމްޑީޕީން އެންމެ ބޮޑަށް ވިއްކި އެއްޗަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލާ ތަހުގީގުކޮށް މީހުންނަށް އަދަބު ދޭނެ ކަމަށެވެ.

“އަޅުގަނޑުމެން ބުނީ ކުރީގެ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށް. އަދި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ވެސް ނެތް،” ނަޝީދު ވިދާލުވިއެވެ. ރައީސް ނަޝީދު އެ މެސެޖު ނިންމާލައްވަމުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންވެސް ހަމަ އެފަދަ ކަމަށާއި ކުރަން ބުނި ކަންކަން ޖެހޭނީ ކުރަން ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.