ލަފާ ކުރެވެނީ ބަލި ޖެހޭ މީހުންގެ އަދަދު ހުންނާނީ 30 އާއި 50 އާއި ދެމެދުގައި ކަަމަށް: ޑރ. އަފްޒަލް

މެއި 19، 2020: ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)އިން ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެސްގެ ތެރެއިން-- ފޮޓޯ/ އެންއީއޯސީ

ރާއްޖެއިން މިހާރު ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދަށް ބަލާ ނަމަ ބޮޑަށް ލަފާ ކުރެވެނީ ރާއްޖެއިން އެބަލި ޖެހޭ މީހުންގެ އަދަދު ހުންނާނީ 30 އާއި 50 އާއި ދެމެދުގައި ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ރޭ ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ރާއްޖެއިން މިހާރު ފެންނަމުން އަންނަ ކޭސްތަކުގެ އަދަދުތަކަށް ބަލާއިރު ފެންނަ އަދަދުތަކަކީ މީގެކުރިން އުއްމީދު ކުރި ވަރަށް ވުރެ ދަށް އަދަދުތަކެއް ކަމަށެވެ. އަދި ސިއްހީ މާހިރުން ވެސް ބޭނުންވަނީ އެންމެ ގިނަވަގެން ވެސް މި އަދަދުގައި ހިފަހެއްޓުން ނުވަތަ މިއަށްވުރެ ވެސް ދަށްވުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ބޭސްލައިން އުޅޭނީ، ގާތްގަނޑަކަށް 30 އާއި 50 އާއި ދޭތެރޭގައި ކަމަށް. މިފަދަ އެހެން ބަލިތަކަށް ބަލާއިރުވެސް ބޭސްލައިން އުޅެނީ އާއްމުކޮށް އެހާވަރަށް. އެއީ މާނައަކީ ގައުމެއްގެ ތެރޭގައި ބަލި ފެތުރިގެން ދިޔައީމަ އެއަށްފަހު އެއަށް ކިޔާނީ އެންޑިމިކް ބައްޔެކޭ. އެހެންވީމަ ގައުމުތަކުގައި އެންޑިމިކް ހުންނަ ބަލިތަކަކީ ހަގީގަތުގައި ކޮންމެވެސް ވަރެއްގެ ބޭސްލައިނެއް ހުންނާނެ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

މުޅި ޖުމްލަ މި ބަލި ރާއްޖެއިން ޖެހުނު މީހުންގެ އަދަދު ވަނީ 1،274 އަށް ވަނީ އަރާފައެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނައިން ބަލިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު އުޅެނީ 661 ގައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 452 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 109 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.