ޔާމީން ޖަލަށްލީ އިންސާފުން ނޫންކަން ނަޝީދުގެ ވާހަކައިން ދޭހަވޭ: އިދިކޮޅު

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޮ / އަވަސް

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަނީ ލޯންޑަރިންގެ ކުށުގައި ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ އިންސާފުން ނޫންކަން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވާހަކައިން ދޭހަވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އެމްޑީޕީ ވަޓްސްއަޕް ގުރޫޕަކަށް ރައީސް ނަޝީދު ފޮނުވި މެސެޖެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އަމަލުފުޅުތަކަށާއި ހިޔާލުފުޅުތަކަށް އެއްވެސް އިރެއްގައި އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީން ހަމައެކަނި ޖަލުގައި ބެހެއްޓުމަކީ އެމްއެމްޕީއާރްސީގެ މައްސަލާގައި ލިބިގެންދިޔަ މާބޮޑު އިންސާފެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވެރިކަމަށް އައުމަށްޓަކައި އެމްޑީޕީން އެންމެ ބޮޑަށް ވިއްކި އެއްޗަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލާ ތަހުގީގުކޮށް މީހުންނަށް އަދަބު ދޭނެ ކަމަށެވެ.

“އަޅުގަނޑުމެން ބުނީ ކުރީގެ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށް. އަދި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ވެސް ނެތް،” ނަޝީދު ވިދާލުވިއެވެ. ރައީސް ނަޝީދު އެ މެސެޖު ނިންމާލައްވަމުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންވެސް ހަމަ އެފަދަ ކަމަށާއި ކުރަން ބުނި ކަންކަން ޖެހޭނީ ކުރަން ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ އިންސާފުވެރި ހުކުމެއް ނޫން ކަމަށާއި އެއީ ސިޔާސީ އަދި ޒާތީ ހުކުމެއް ކަމަށް އެ ކޯލިޝަނުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބުނަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުން އަންނަނީ ރައީސް ޔާމީނަށް އަނިޔާވެރިވަމުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ ބަޔާނުގައިވެސް އެ ކޯލިޝަނުން ވަނީ ރައީސް ޔާމީނަށް ދެމުން އަންނަ އަނިޔާތައް ހުއްޓާލާ އެމަނިކުފާނު ގެއަށް ބަދަލު ކުރުމަށް ތަކުރާރުކޮށް ގޮވާލައިފައެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމަކީ އިންސާފުވެރި ހުކުމެއް ނޫން ކަމަށާއި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ދައުވާ އަކީ ސިޔާސީ އަދި ޒާތީ ދައުވާއެއް ކަމަށް ދޭހަވާ ގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވާފައި ވުމަކީ އެކޯލިޝަނުން ދައްކަމުން ދިޔަ ވާހަކަތަކުގެ ހަގީގަތް ހާމަވެގެން ދިޔަ ކަމެއް ކަމަށް ބަޔާނުގައި އިދިކޮޅުން ބުންޏެވެ.

އިއްޔެ އަކީ ރައީސް ޔާމީންގެ އުފަން ދުވަހެވެ. އެ ދުވަހާއި ގުޅިގެން ޕީޕީއެމްގެ ސަޕޯޓަރުންނާއި ޕީޕީއެމް އަދި ޕީއެންސީގެ އިސްވެރިން ރައީސް ޔާމީން އުފަންދުވަހުގެ ތަހުނިޔާ އަރިސް ކުރެއްވިއެވެ. އޭގެތެރެއިން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ރައީސް ޔާމީނަށް ކިޔުއްވާފައިވާ ތަހުނިޔާގެ ޓްވީޓު ރައީސް ނަޝީދު ރީޓްވީޓުވެސް ކުރެއްވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.