އިންޑިއާ އަކީ މުސްލިމުންނާއި ދެކޮޅު ގައުމެއް ނޫން ކަމަށްބުނެ ރާއްޖެ އިންޑިއާ ދިފާކޮށްފި

ރައީސް ސޯލިހް މޯދީއާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް

އިންޑިއާ އަކީ އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅު ގައުމެއް ކަމަށް ޕާކިސްތާނުން ސިފަކުރުމުން އިންޑިއާ އަކީ އެފަދަ ގައުމެއް ނޫން ކަމަށްބުނެ ރާއްޖެއިން އިންޑިއާ ދިފާއުކޮށްފިއެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކައުންސިލް (އޯއައިސީ) ގެ އޮންލައިން ބައްދަލުވުމެއްގައި ރާއްޖެއިން އިންޑިއާގެ ދިފާއުގައި ވާހަކަ ދެއްކީ އިންޑިއާ އިން މުސްލިމުންނާ ދެކޮޅު އެޖެންޑާ ޕްރޮމޯޓް ކުރަމުންދާ ކަމަށް އެ ގައުމާ ވާދަވެރި ޕާކިސްތާނުން އެ ބައްދަލުވުމުގައި ބުނުމުންނެވެ.

އިންޑިއާގެ މީޑިއާތަކުން ބުނީ އެފަދަ ތުހުމަތެއް އިންޑިއާ އަށް ކުރުމުން ރާއްޖެއިން ނުރުހުން ފާޅުކޮށްފައިވާ ކަމަށެވެ. މީގެއިތުރުން ސޯޝަލް މީޑިއާގައި ފެތުރެމުން އަންނަ ވާހަކަތަކަށް ބިނާކޮށް އެފަދަ ވާހަކަތައް މީޑިއާތަކުގައި ހިއްސާ ކުރުން އެހާ ރަނގަޅު ނޫން ކަމަށްވެސް ރާއްޖެއިން ވަނީ ބުނެފައެވެ. އެ ބައްދަލުވުމުގައި އިންޑިއާ އިން އިސްލާމީ ގިނަ ގައުމުތަކާއި ގުޅުން ބަދަހި ކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ރާއްޖެއިން އިންޑިއާ ދިފާއުކޮށް ވާހަކަދައްކާފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ބޮޑަށް ހާރިޖީ ގުޅުން ބަދަހި ކުރަމުން އަންނަ ގައުމަކީ ވެސް އިންޑިއާއެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމުގެ ހުވާ ކުރެއްވި ދުވަހުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރާއްޖެ އަށް ވަޑައިގެންފައެވެ. އެއީ އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އޭގެފަހުންވެސް ދެގައުމުގެ ގުޅުން ބަދަހި ކުރުމުގެ ގޮތުން ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންނެވިއެވެ. މީގެއިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންމެ ފުރަތަމަ ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ ގައުމުން ބޭރަށް ވަޑައިގެންނެވީ ވެސް އިންޑިއާއަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.