ބޮޑު ހިޔާނާތާއި ގުޅިގެން ޔާމީން އެކަނި ޖަލުގައި ބެހެއްޓުމަކީ އިންސާފެއް ނޫން: ނަޝީދު

2013ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ބޭއްވި ރިޔާސީ ބަހުސް އަށް ފަހު ރައީސް ނަޝީދު އަދި ރައީސް ޔާމީން--

ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ބެހެއްޓުމަކީ އިންސާފުވެރިކަމެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވީ، އެމްޑީޕީ ވަޓްސްއަޕް ގުރޫޕަކަށް އެމަނިކުފާނު އަތްޕުޅުން ލިޔުއްވާ ހިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ އަމަލުފުޅުތަކަށާއި ހިޔާލުފުޅުތަކަށް އެއްވެސް އިރެއްގައި އެމަނިކުފާނު ތާއީދު ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީން ހަމައެކަނި ޖަލުގައި ބެހެއްޓުމަކީ އެމްއެމްޕީއާރްސީގެ މައްސަލާގައި ލިބިގެންދިޔަ މާބޮޑު އިންސާފެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވެރިކަމަށް އައުމަށްޓަކައި އެމްޑީޕީން އެންމެ ބޮޑަށް ވިއްކި އެއްޗަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލާ ތަހުގީގުކޮށް މީހުންނަށް އަދަބު ދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ބުނީ ކުރީގެ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށް. އަދި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ވެސް ނެތް،" ނަޝީދު ވިދާލުވިއެވެ. ރައީސް ނަޝީދު އެ މެސެޖު ނިންމާލައްވަމުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ގެއްލުވާލައިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންވެސް ހަމަ އެފަދަ ކަމަށާއި ކުރަން ބުނި ކަންކަން ޖެހޭނީ ކުރަން ކަމަށެވެ

ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގައި އެންމެ ބޮޑަށް މި ދުވަސްވަރު ދެކެވޭ އެއް ވާހަކައަކީ އެމްއެމްޕީއާރްސީގެ މައްސަލައެވެ. އަދި މަރު ކޮމިޝަނުގެ އެއްވެސް ހިލަމެއް ނުވާ ކަމަށާއި ރައްޔިތުން ގާތުގައި ވައުދުވި އެންމެ މުހިއްމު ކަންކަން ނުވާ ކަމަށްބުނެ އެމްޑީޕީގެ އެތައް މަޖިލިސް މެންބަރުންނެއް އަންނަނީ ކަންބޮޑުވުންފާޅު ކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *