ބޮޑު މުސާރަ ނުނަންގަވާ، މެންބަރުންނާއި އެއްވަރުގެ މުސާރައެއް ނަންގަވަން އީވާ ނިންމަވައިފި

ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ: ފޮޓޯ / މަޖިލިސް

ކޮވިޑް19 ގެ ސަބަބުން ދައުލަތުގެ އިސްވެރިންގެ މުސާރަތައް ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމެވުމުންވެސް ދައުލަތުގެ ތިންބާރުގެ ވެރިންނަށް ވުރެ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވާ ގޮތަށް އޮތް ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މެންބަރުންނެކޭ އެއްވަރުގެ މުސާރައެއް ނަންގަވަން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަސާސީ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 100،000 ރުފިޔާއެވެ. ނަމަވެސް މުސާރައިން 35 ޕަސެންޓު އުނި ކުރުމުން ކުރިޔަށް އޮތް ތިން މަހު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ 65،000 ރުފިޔާއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަސާސީ މުސާރައަކީ 75000 ރުފިޔާއެވެ. އެމަނިކުފާނުގެ މުސާރައިން 35 އިންސައްތަ އުނިކުރުމުން ލިބިވަޑައިގަންނަވާނީ 48،750 ރުފިޔާއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސަށް މަހެއްގެ މައްޗަށް 73،000 ލިބިވަޑައިގަންނަވައެވެ. ނަމަވެސް 35 ޕަސެންޓު ކުޑަ ކުރެއްވުމުން އެމަނިކުފާނަށް ކުރިޔަށް އޮތް ތިން މަހު ލިބިވަޑައިގަންނަވާނީ 57،000 ރުފިޔާއެވެ. އުއްތަމަ ފަނޑިޔާރަށް މަހެއްގެ މައްޗަށް 74،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު 35 ޕަސެންޓު މުސާރައިން އުނި ކުރުމުން ލިބިވަޑައިގަންނަވާނީ 58،000 ރުފިޔާއެވެ.

މުސާރަ ކުޑަކުރި ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އީވާއަށް 75،000 ލިބިވަޑައިގަންނަވައެވެ. ސަބަބަކީ އެކަމަނާ އަކީ މަޖިލީހުގެ ނާއިބު ރައީސަށްވެ ހުންނަވާ ވެސް މަޖިލީހުގެ ކޮމެޓީތަކުގައި ބައިވެރިވަޑައިގަންނަވާ ބޭފުޅަކަށް ވާތީއެވެ. ސަރުކާރުން ނިންމާފައި ވަނީ އަސާސީ މުސާރައިން 35 ޕަސެންޓު އުނި ކުރުމަށެވެ. އެއްވެސް އިނާޔަތެއް އުންޏެއް ނުކުރެއެވެ. ކޮމެޓީ އެލަވަންސްގެ ގޮތުގައި މަޖިލީހުގެ މެންބަރުންނަށް 20،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. މަޖިލީހުގެ ރައީސް އަކީ މަޖިލީހުގެ އެއްވެސް ކޮމެޓީއެއްގައި ބައިވެރިވެވޭނެ ބޭފުޅެއް ނޫނެވެ. އެހެންކަމުން އީވާގެ މުސާރައިން 35 ޕަސެންޓު ކަނޑާލި ނަމަވެސް އޭނާ އަށް ކޮމެޓީ އެލަވަންސާއި އެކުގައި އެ އަދަދުގެ މުސާރައެއް ލިބިވަޑައިގަންނަވާނެއެވެ.

އީވާ އަކީ މަޖިލީހުގެ ރައީސަށްވުރެ ވެސް ބޮޑު މުސާރައެއް މަހެއްގެ މައްޗަށް ލިބިވަޑައިގަންނަވާ ބޭފުޅެކެވެ. މުސާރަތައް ކުޑަ ނުކުރާއިރުވެސް މަހެއްގެ މައްޗަށް 91،000 ރުފިޔާ އީވާ އަށް ލިބިވަޑައިގަންނަވައެވެ. އެއީ ކޮމެޓީ އެލަވަންސާއި އެކުގައެވެ.

މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ އީވާ އަށް، އެހެން މެންބަރުންނާ އެއްވަރުގެ މުސާރައެއް ދެއްވުމަށް އޭނާ އެދިވަޑައިގެންފައިވާތީ، އެ ގޮތަށް އަމަލުކުރަން ނިންމާފައިވާ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ މަހެއްގެ މައްޗަށް 82،500 ރުފިޔާ ލިބިވަޑައިގަންނަވާ ބައެކެވެ. ނަމަވެސް 35 ޕަސެންޓު މުސާރައިން އުނި ކުރުމުން 69،000 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވާނެއެވެ. އެހެންކަމުން މަޖިލިސް މެންބަރުންނަށް ލިބިވަޑައިގަންނަވާ މުސާރައަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ރައްޔިތުން މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރަށްވުރެ ގިނައިން ކުރިޔަށް އޮތް ތިން މަހު މުސާރަ ލިބިވަޑައިގަންނަވާނެ ބޭފުޅުންނެވެ.

އެހެންކަމުން ދެން އީވާ ނަންގަވާނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ލިބިވަޑައިގަންނަވާ މުސާރައެވެ. އެއީ 69،000 ރުފިޔާއެވެ. ނަމަވެސް އިއްޔެ ދައުލަތުގެ ތިންބާރުގެ ވެރިންގެ މުސާރައަށް ވުރެ އީވާގެ މުސާރަ ބޮޑު ކަމަށް މީޑިއާތަކުގައި ރިޕޯޓު ކުރުމުން ގިނަބައެއްގެ ފާޑު ކިޔުންތައް ވަނީ އަމާޒުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *