ޔާމީން އުފަންދުވަހުގެ ޓްވީޓު ނަޝީދު ރީޓްވީޓު ކުރައްވައިފި

ރައީސް ޔާމީން ވެރިކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތަށް ނަޝީދު ވަޑައިގެން، ހަފްލާ އަށްފަހު ދެބޭފުޅުން ސަލާމް ކުރައްވާ ފޮޓޯއެއް ނަންގަވަނީ --

ކުރީގެ ރައީސް ޔާމީންގެ އުފަންދުވަހާއި ގުޅިގެން ޕީޕީއެމް އަދި ޕީއެންސީގެ ދެ މަޖިލިސް މެންބަރުން ރައީސް ޔާމީނަށް އުފަން ދުވަހުގެ ތަހުނިޔާ ދެންނެވުމުގެ ގޮތުން ކުރެއްވި ޓްވީޓުތަކެއް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރީޓްވީޓު ކުރައްވައިފިއެވެ.

ރައީސް ނަޝީދު ރީޓްވީޓު ކުރެއްވީ ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ރައީސް ޔާމީނަށް އުފަން ދުވަހުގެ ތަހުނިޔާ ދަންނަވާ ކުރެއްވި ޓްވީޓުތަކެކެވެ.

ރައީސް ޔާމީނަށް ޝިޔާމް ތަހުނިޔާ ދެންނެވީ އޭނާއާ ރައީސް ޔާމީނާއި އެކުގައި އިންނެވި ފޮޓޯއަކާއި އެކުގައި ހިއްސާ ކުރެއްވި ލަވައަކުންނެވެ. އެ ލަވާގައި ދިވެހިންނަށް ދިވެހިންގެ ވެރިކަން ދިވެހިންނަށް ކުރެވޭނެ ކަމާއި ރާއްޖޭގައި ދިރުން އޮތް ކަން ދިވެހިންނަށް ދައްކައިދިން ވެރިއެއްގެ ހަނދާން ކުރައްވާ ވާހަކަ ބުނެފައިވެއެވެ. ޝިޔާމްގެ އެ ލަވާގައި ބުނެފައިވާ ވެރިޔަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައްޔިތުންގެ ހާލަތަށް އެންމެބޮޑު ކުރިއެރުމެއް ގެނެސްދެއްވި ދިވެހި ތާރީހު ރަން އަކުރުން ފަވާނެ ހިދުމަތްތެރި ރައީސްއަށް އުފަން ދުވަހުގެ ތަހުނިޔާ އަރިސްކުރާ ކަމަށެވެ. އަދި އިންސާފު ނުލިބި ނުޙައްގުން ޖަލުގައި ހުންނެވުމަކީ ދިވެހި ގައުމަށް ލިބިގެންދިޔަ ބޮޑު ހިތާމައެއް ކަމަށްވެސް އޭނާގެ ޓްވީޓުގައި ވިދާޅުވިއެވެ.

އާއްމު ގޮތެއްގައި މީހުން ކޮށްފައި ހުންނަ ޓްވީޓުތައް ގިނަ މީހުން ރީޓްވީޓުކޮށް އުޅެނީ އެ ޓްވީޓުތަކުގައި ބުނެފައިވާ އެއްޗަކީ އަނެކާވެސް ގަބޫލުކުރާ ވާހަކަތަކެއް ކަމަށް ވާތީއެވެ. ނަމަވެސް ރައީސް ނަޝީދު، ޝިޔާމްއާ ސައީދުގެ ޓްވީޓު ރީޓްވީޓު ކުރެއްވި ސަބަބެއް ސީދާ ނޭނގެއެވެ.

ރައީސް ޔާމީންގެ އުފަންދުވަހު މުޅި ސޯޝަލް މީޑިއާއިން ފެނިގެން ދިޔައީ އެމަނިކުފާނުގެ ސަޕޯޓަރުންގެ ތަހުނިޔާގެ މެސެޖުތަކެވެ. ރައީސް ޔާމީން މިވަގުތު އޮންނެވީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރައްވާފައިވާތީ މާފުށީ ޖަލުގައެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published.