ބައެއް ރަށްރަށުގައި މާދަމާ ޖަމާއަތުގައި ނަމާދުކުރަން ފަށަނީ

ހުކުރު ހުތުބާ އަޑުއެހުން/ ފޮޓޯ- އިސްލާމިކް މިނިސްޓްރީ

ލޮކްޑައުން އެއް ނުވަތަ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ނުވާ ރަށްރަށުގައި މާދަމާއިން ފެށިގެން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ފެށުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމާފައިވާތީ އިސްލާމިކް މިނިސްޓްރީން އެކަމުގައި ނިންމާފައިވާ ބައެއް ނިންމުންތައް ވެސް ލުއި ކުރުމަށް ވިސްނާފައިވާ ކަމަށެވެ.

އެގޮތުން ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި އޮތް އޮތުމަށްވެސް ލުއިތަކެއް ދިނުމަށް ނިންމާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ ބޭފުޅުންނާއި މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ޖަމާއަތުގައި ނަމާދުކުރުން ހުއްދަ ދެވިދާނެ ކަމަށް އެބޭފުޅުން ވިދާޅުވި ކަމަށެވެ.

"އެބޭފުޅުން ވިދާޅުވީ ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ދެވިދާނެ ކަމަށް، އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިގެން ކަމަށް ހުއްދަ ދެވޭނީ އެބޭފުޅުން ވިދާޅުވި،" އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ މިސްކިތަށް ދާ ފަރާތްތަކުން ގެއިން ވުޟޫ ކޮށްގެން ދިއުމާއި ގެއިން މުސައްލައެއް ހިފައިގެން ދިއުމާއި އުމުރުން ދުވަސްވީ މީހުން މިސްކިތްތަކަށް ނުދިއުމުގެ އިތުރުން ރޯގާ ޖެހި ކިނބިހި އަޅާ ނުވަތަ ކެއްސާ ފަރާތްތަކުން މިސްކިތްތަކަށް ނުދިއުމަށް ޓެގުން ލަފާ ދެއްވާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ދޭނީ މޮނީޓަރިން ނުވަތަ ލޮކްޑައުންގެ ހާލަތުގައި ނެތް ރަށްތަކަށް ކަމަށެވެ. އެހެންކަމުން އެފަދަ ރަށްތަކުގައި މާދަމާ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދެވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް19 ގެ ސަބަބުން އެންމެ ފުރަތަމަ ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ މާލެ ސަރަހައްދުގެ މިސްކިތްތަކުގައެވެ. ދެވަނަ އަށް މާލެ ސަރަހައްދުގެ އިތުރުން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލިއެވެ. ނަމަވެސް ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ބަލާ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން އިސްލާމިކް މިނިސްޓްރީން ވަނީ މެދުކަނޑާލައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *