ރާއްޖެއިން ބަލިން ސަލާމަތްވި މީހުންގެ އަދަދު 104އަށް

ޖަލު އޮފިސަރެއްގެ ސާމްޕަލް ނަގަނީ: ފޮޓޯ / ކަރެކްޝަންސް

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރުް 13 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު 104އަށް އަރާފައިވާ ކަމަށެވެ.

ބަލިން ރަނގަޅުވި މީހުންގެ އަދަދު 104އަށް އެރިއިރު ފަހުން ބަލިން ރަނގަޅުވި މީހުންނަކީ ކޮން ކޭސް ނަންބަރުތަކެއް ކަމެއް ނޭނގެއެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު، ޑރ. މޫސާ މުރާދު ވިދާޅުވީ ބަލިން ރަނގަޅުވި 13 މީހުންނަކީ އިއްޔެ ބަލިން ރަނގަޅުވި މީހުން ކަމަށެވެ. ބަލިން ރަނގަޅުވި މީހުންހެ ތެރޭގައި 12 ދިވެހިންނާއި ބިދޭސީއަކު ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުވެސް ރާއްޖެއިން 30 މީހަކު ވަނީ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. އެއާއި އެކު މުޅި ޖުމްލަ މި ބަލި ރާއްޖެއިން ޖެހުނު މީހުންގެ އަދަދު ވަނީ 1،216 އަށް ވަނީ އަރާފައެވެ. ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނައިން ބަލިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު އުޅެނީ 622 ގައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 434 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 104 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.