ރައީސް ޔާމީނަށް 61، ސަޕޯޓަރުންގެ ދިރުމަކީ ޔާމީން، އުއްމީދަކީ މިނިވަންވެ ގައުމާއި ހަވާލުވުން!

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ: ފޮޓޯ / ހަތާވީސް

މިއަދަކީ ރާއްޖޭގައި ދިމިގްރާތީ ނިޒާމެއްގެ ދަށުން ވެރިކަން ކުރަން ފެށިފަހުން ފަސް އަހަރުގެ ފުރިހަމަ ދައުރެއް ނިންމާލެއްވި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް 61 އަހަރު ފުރުނު ދުވަހެވެ. އެމަނިކުފާނަށް 61 އަހަރު ފުރުނުއިރު މިއަދު އެމަނިކުފާނު އޮންނެވީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލު ހުކުމެއްގައެވެ. ރައީސް ޔާމީން ޖަލަށް ވަޑައިގެންނެވި ދުވަހަކީ އިދިކޮޅު ސަޕޯޓަރުންގެ ހިތްތައް ކުދިކުދިވެގެން ދިޔަ ދުވަހެކެވެ.

ނަމަވެސް ޒުވާން ލީޑާޝިޕެއް ޕާޓީގެ ކަންކަމާއި އިސް ނެންގެވީ އަދި ދިވެހި ގައުމަށް ރައީސް ޔާމީންގެ ހިދުމަތް ގެނެސް ރައްޔިތުންނާއި ދިވެހި ގައުމުގެ މުސްތަގު އުޖާލާ ކޮށްދޭނެ ކަމުގެ އަޒުމުގައެވެ. އިދިކޮޅުން ތަކުރާރުކޮށް ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދުނު ނަމަވެސް އެކަމަކަށް ސަރުކާރުން އިޖާބައެއް ނުދެއެވެ. އެވަރުންވެސް ސަޕޯޓަރުންނާއި މިއަދު ޕާޓީގެ ހުންގާނުގައި ހިފައިގެން ތިބި އިސް ބޭފުޅުންގެ އަޒުމަކަށް ގުޑުމެއް ނާދެއެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޒިންމާދާރު ކުރުވަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް އަންނަނީ ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕާޓީތަކުގެ މެންބަރުން ކިތަންމެ މަދުވި ނަމަވެސް އެ މަޖިލީހުގައި އިދިކޮޅުގެ މެންބަރުންގެ އަޑު ކަނޑައިގެނެއް ނުދެއެވެ. ރައްޔިތުންނާއި ގުޅޭ ކަންކަމުގައި ސަރުކާރަށް އެއްބާރުލުން ދެމުން އާދެއެވެ. އަދި ސަރުކާރުން ކަންކުރާ ގޮތް ރަނގަޅު ނޫން ކަމަށް ވިދާޅުވެ ބައެއް މެންބަރުން ފާޅުގައި ސަރުކާރަށް އަންނަނީ ފާޑު ވިދާޅުވަމުންނެވެ.

މިއަދަކީ ރައީސް ޔާމީންގެ އުފަން ދުވަސް ކަމުން މުޅި ޓްވީޓާ ފުރިބާރު ވެފައި ވަނީ ރައީސް ޔާމީނަށް އެމަނިކުފާނުގެ ސަޕޯޓަރުން ކިޔަމުން އަންނަ ތަހުނިޔާގެ މެސެޖުތަކުންނެވެ. ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާއި ހަވާލުވާނެ ކަމުގެ އިންތިޒާރުގައި ތިބި އެ ސަޕޯޓަރުން ތިބީ ރައީސް ޔާމީނަށް ދެވޭނެ އެންމެ ބޮޑު ހަދިޔާ އަކީ އެމަނިކުފާނާއި އެކުގައި އެ ރައްޔިތުން ތިބިކަން ހާމަކުރުމެވެ.

މިއަދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ސަފުގައި ތިބި ޒުވާން ލީޑަރުންނަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި އެކުގައި ސިޔާސީ މަސައްކަތް ފެއްޓެވި ގިނަ ބޭފުޅުންނެވެ. އެބޭފުޅުން ވެސް ތިބީ ރައީސް ޔާމީން މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށެވެ. ފަހަތަށް ޖެހުމެއް ނެތެވެ. މިއަދު އެ ކޯލިޝަނުން މަސައްކަތް ކުރަމުން އަންނަނީ ކައުންސިލް އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރުމަށެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރައީސް ޔާމީންގެ އުފަންދުވަހުގެ ތަހުނިޔާ އަރިސްކުރެއްވީ ފޭސްބުކްގައި ހިއްސާކުރެއްވި ލަވައަކުންނެވެ. އެ ލަވައިން އަޑުއިވިގެން ދަނީ ރައީސް ޔާމީން ދިވެހި ގައުމަށާއި ހުދު ޝިޔާމް އެ ދާއިރާއެއް ތަމްސީލް ކުރައްވާ ނައިފަރު ދާއިރާ އަށް ގެނެސްދިން ތަރައްގީގެ ވާހަކަތަކެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ކުރެއްވި ޓްވީޓެއްގައި ރައީސް ޔާމީންގެ އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގެ ތަރައްގީގެ ބާނީ ކަމަށާއި ދުއާއަކީ ރައީސް ޔާމީން ހެޔޮ ހާލުގައި ލައްވައި އެމަނިކުފާނަށް އިންސާފް ލިބުން ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ހީވާގީ މިނިސްޓަރުގެ ގޮތުގައި ގިނަބަޔަކު ސިފަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައީސް ޔާމީނަށް ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދިރިއުމެއް އޮތިއްޔާ އުއްމީދެއްވާނެ ކަމަށެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ކުރެއްވި ޓްވީޓެއްގައި ވަނީ ކުރިމަތިވެފައި ވަނީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ. މިއަދު ގައުމަށް ބޭނުންވަނީ ރައީސް ޔާމީން ފަދަ ލީޑަރެއް ކަމަށާއި މިއަދު ގައުމަށް ބޭނުންވަނީ ރައީސް ޔާމީންގެ އިގްތިސޯދީ ސިޔާސަތުން ގައުމުގެ އިގްތިިސޯދު އާރާސްތު ކުރުން ކަމަށެވެ.

 

ރައީސް ޔާމީން ސަރުކާރުގައި ރާއްޖެއަށް ބިޔަ ބޮޑެތި މަޝްރޫއުތައް ގެނައުމުގައި އަތުކުރި އޮޅާލައިގެން ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ރައްޔިތުންގެ ހާލަތަށް އެންމެބޮޑު ކުރިއެރުމެއް ގެނެސްދެއްވި ދިވެހި ތާރީހު ރަންއަކުރުން ފަވާނެ ހިދުމަތްތެރި ރައީސް ޔާމީނަށް އުފަންދުވަހުގެ ތަހުނިޔާ އަރިސްކުރާ ކަމަށެވެ. އިންސާފު ނުލިބި ނުހައްގުން ޖަލުގައި ހުންނެވުމަކީ ދިވެހި ގައުމަށް ލިބިގެންދިޔަ ބޮޑު ހިތާމައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި އެ މަނިކުފާނު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ނަމަވެސް ރައީސް ޔާމީން އެނބުރި އައުން އެއީ ގިނަބަޔަކު މިއަދު ދެކުމުން އަންނަ ހުވަފެނެކެވެ. ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާއި ހަވާލުވުމަކީ ރައީސް ޔާމީންގެ ސަޕޯޓަރުންގެ އުއްމީދެކެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *