ކުރީގެ ރައީސުންގެ އިނާޔަތް މުރާޖާ ކުރަން މައުމޫން ތާއީދު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް/ ފޮޓޯ- މިހާރު

ރައިސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ ބޭފުޅުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތް މުރާޖައާ ކުރުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ސަރުކާރު ކޯލިޝަން ޕާޓްނަރު އެމްއާރްއެމްގެ އިންތިގާލީ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތާއީދު ކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރައީސް މައުމޫން ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތިކަން ރާއްޖޭގެ އިގްތިސާދަށްވެސް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ގިނަ ބައެއްގެ ވަޒީފާ ގެއްލި އެތައް ބައެއް އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް ނުކުރެވުމުގެ ސަބަބުން އެތައް ދަތިތަކަކާއި ކުރިމަތިވެފައިވާ ކަމަށް މައުމޫން ވިދާޅުވިއެވެ.

އެހެންކަމުން މި ހައްސާސް ދަނޑިވަޅުގައި ސަރުކާރުން ހުށަހަޅުއްވާފައިވާ ސިޓީގައިވާ ކަންކަން އަވަސްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށާއި އެގޮތުން ކުރީގެ ރައީސުންނަށް ސަރުކާރުން ދެއްވަމުން އަންނަ އިނާޔަތްތައް މުރާޖަޢާ ކުރެއްވުމަށް ތާއީދު ކުރައްވާ ކަމަށް މައުމޫން ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކެޓިވް މުހައްމަދު ޝަނޫން “ހަތާވީސް” އަށް މިރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިދިޔަ ހަފްތާގައި ކުރީގެ ރައީސުންގެ އިނާޔަތާއި ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލް މިވަގުތު ހާމަ ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސުންނަށް މާލީ އިނާޔަތުގެ ގޮތުގައި 75،000 ރުފިޔާ ލިބޭއިރު އެކޮމޮޑޭޝަންގެ ގޮތުގައި 10،000 ރުފިޔާ ލިބެއެވެ. އަދި އޮފީސް ހިންގުމަށް 87،000 ރުފިޔާ ލިބިގެންދެއެވެ.

ކުރީގެ ރައީސުންގެ އިނާޔަތްތައް މުރާޖާ ކުރުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައިވާއިރު ކޮވިޑް19 ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސޯދީ ހާލަތުން އަރައިގަތުމަށް އަދި ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ މަސައްކަތް ކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ވަނީ މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރަން ނިންމާފައެވެ.

ފިނޭންސް މިނިސްޓްރީން ރޭ އާއްމު ކޮށްފައިވާ ސާކިއުލާއެއްގައި ބުނީ 80،000 ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުން ގެއަށް ގެންދިއުމަށް ދެން ލިބޭނީ 70،000 ރުފިޔާއެވެ. 25،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ މީހުން ގެއަށް ގެންދިއުމަށް ލިބޭނީ 45،000 ރުފިޔާ ކަމަށެވެ. އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާ 40،000 ރުފިޔާއާ ދެމެދު ލިބޭ މުވައްޒަފުން ގެއަށް ގެންދަން ލިބޭނީ 50،000 ރުފިޔާއެވެ.

Leave a Reply

Your email address will not be published. Required fields are marked *