ސީއެސްސީ މެމްބަރުން ވަކިކުރަން ގޮވާލައި، ކުރި ތުހުމަތުތަކަށް ރައްދު ދީފި

ސިވިސް ސާވިސް ކޮމިޝަންގެ އިސްވެރިން މަޖިލިސް ކޮމެޓީގައި -- ފޮޓޯ / މިހާރު

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުން މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވާލައި ކުރެއްވި ތުހުމަތުތަކަށް އެ ކޮމިޝަނުން ރައްދު ދީފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިފަދައިން ބުނެފައި މިވަނީ ކޮވިޑް19 އާއި ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަށް ގަޑިއިރަށްވުރެ ގިނައިރު މަސައްކަތް ކުރުމުންވެސް އިތުރުގަޑީގެ ފައިސާ ނުލިބޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. އަދި އެ ކަންބޮޑުވުންތައް އެހެން ހުއްޓާ ރޭ ފިނޭންސް މިނިސްޓްރީން ވަނީ އިތުރު ގަޑީގެ ފައިސާ ކުރިއެކޭ ވެސް އެއްގޮތަށް މި ރޯދަމަހު ލިބިގެން ދާނެ ކަމަށް ބުނެފައެވެ.

ސިވިލް ސާވިސް ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ބުނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ ބާރު ލިބިދީފައިވަނީ ނޭޝަނަލް ޕޭ ކޮމިޝަނަށް ކަމަށެވެ.

އެހެންނަމަވެސް، ސިވިލް ސާވިސްގެ މުވައްޒަފުންގެ ހައްގުގައި މަގާމުތަކުގެ ހާއްސަ އޮނިގަނޑުތައް އެކުލަވާލައި، އެ އޮނިގަނޑުތަކަށް މުސާރައާއި އެލަވަންސްތައް ކަނޑައެޅުމަށް، ނޭޝަނަލް ޕޭ ކޮމިޝަނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ނަރުހުންގެ އޮނިގަނޑެއް އެކުލަވާލުމާއެކު އެ އޮނިގަނޑަށް މުސާރައާއި އެލަވަންސްތައް ކަނޑައަޅައި 2018 ވަނަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން އަންނަނީ އަމަލުކުރަމުންނެވެ.

ސިވިލް ސާވިސް ކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުންނާއި ދިވެހި ގައުމާއއި ރައްޔިތުންނަށް ދިމާވެފައިވާ އިގްތިސޯދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން އަޅަމުން ގެންދާ ހާއްސަ ފިޔަވަޅުތަކަށް އިހްތިރާމުކޮށް އެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން ކުރަމުން ގެންދާ މަސައްކަތްތަކަށް ނުރުހުންވެ އެ ކޮމިޝަނަށް ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ބޭނުންތަކެއް ކުރަމުންދާ ކަމަށް ތުހުމަތުކޮށް އެ ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް ގޮވާލަމުންދާ ގޮވާލުންތަކާއި މެދު ކަންބޮޑުވާ ކަމަށެވެ.

އެހެންކަމުން ދޮގު ހަބަރުތައް ނުފެތުރުމަށާއި ކަމުގެ ހަގީގަތް ބެލުމަށްފަހު ހަބަރު ފެތުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ހާލަތެއްގައި އެ ކޮމިޝަނަށް ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާދަތައް އަދާ ކުރުން މަތީ ދެމި ހުންނާނެ ކަމަށްވެސް އެ ކޮމިޝަނުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ ސިވިލް ސާވިސް ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ގޭގައި ލޮކްޑައުންވެގެން ތިބި ސިވިލްސާވަންޓުންނާއި ކޮވިޑް19އާ ހަނގުރާމަ ކުރަމުންދާ ސިއްހީ ހިދުމަތްތެރިންނާ އެއްހަމަ ނުކުރެވޭނެ ކަމަށެވެ. ވިސާމް ވިދާޅުވީ މި ހާލަތުގައި މުސާރަ އާއި އެ ނޫން ވެސް ގޮތްގޮތުން ސިއްހީ ހިދުމަތްތެރިންނާއި ގޭގައި ތިބި މުވައްޒަފުންނާ ތަފާތު ވާންޖެހޭނެ ކަމަށެވެ.

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނުން ދަނީ ސަރުކާރާއި ސިއްހީ ހިދުމަތްތެރިންނާ ޖައްސަމުން ކަމަށެވެ. ފިނޭންސް މިނިސްޓްރީން ކަނޑައެޅި އުސޫލަށް ބިނާކޮށް، ސިއްހީ ހިދުމަތްތެރިންގެ “މުސާރަ އުނިކުރަންޖެހޭ ކިޔައިގެން” ސަރުކާރާ ޖައްސަމުންދާ ކަމަށާއި އެކަން ކުރަނީ ސީއެސްސީގައި ތިބި “ބަޔަކު” ކަމަށް ނިހާދު ތުހުމަތުކުރެއްވިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިފަދައިން ބުނެފައިވާއިރު ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި އެ ކޮމިޝަނުގެ ނާއިބު ރައީސް މުހައްމަދު ޝަހީދާއި އެކު އިތުރު ދެ މެންބަރަކު މަގާމުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނިންމާ އެކަން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 10ވަނަ ދުވަހު ފާސްކޮށްފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެ މެންބަރުން ވަކި ކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފައެއް ނުވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *