ލޮކްޑައުންގެ މުއްދަތުގައި ހައިކޯޓަށް 22 މައްސަލައެއް

ހައި ކޯޓް ---

ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވަނިކޮށް ހައިކޯޓަށް 22 މައްސަލައެއް ހުށަހަޅައިފިއެވެ.

ލޮކްޑައުންގެ މުއްދަތުގައި އެކޯޓުން ކުރިޔަށް ގެންދިޔަ މައްސަލަތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް ހައިކޯޓުން ބުނީ މިިދިޔަ މަހުގެ 15ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމުމާއި އެކު އެ ކޯޓަށް އޮންލައިންކޮށް މައްސަލަތައް ހުށަހެޅުމަށް ހުޅުވާާފައިވާ ކަމަށެވެ. އަދި އެ ފުރުސަތުގެ ތެރޭގައި ޖުމްލަ 22 މައްސަލައެއް އެކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ހައިކޯޓުން ބުނީ ހުށަހެޅި މައްސަލަތަކުގެ ތެރެއިން 17 މައްސަލައެއް ބަލައިގެންފައިވާ ކަމަށެވެ.

ހައިކޯޓުން ބުނީ ލޮކްޑައުންގެ މުއްދަތުގައި އެ ކޯޓުން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެވިފައިވާ މުއްދަތުގައި ބަންދު އަމުރުގެ މައްސަލައެއް، ހަސްމުން ހައިކޯޓު ދެކުނު ބްރާންޗަށް ހާޒިރުކޮށްގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގާފައިވާ ކަމަށެވެ. އަދި މޮނިކޮމް އަމުރުގެ 7 އަމުރު ހައިކޯޓުން ނެރެފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.

ކޮވިޑް19 ފެތުރުން ހުއްޓުވުމުގެ ގޮތުން ސަރުކާރު އޮފީސްތައް ބަންދުކުރުމާ ގުޅިގެން މި މުއްދަތުގެ ތެރޭގައި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް “ކޮވިޑް-19 ރޯގާއާ ގުޅިގެން ސަރުކާރު ބަންދުކުރެވިފައިވާ ދުވަސްތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅޭ މައްސަލަތައް ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅުމާބެހޭ އުސޫލު” ވަނީ އާންމުކޮށްފައެވެ.

އެ އުސޫލުގެ ދަށުން ބަންދު އަމުރުގެ މައްސަލަތަކާއި ވަގުތީ އަމުރުގެ މައްސަލަތަކާއި ކޯޓު އަމުރުތަކާއި އިސްތިއުނާފުކުރެވިފައިވާ މައްސަލަތަކުގެ ތެރެއިން ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަށް އެދިފައިވާ މައްސަލަތަކާއި މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާ މައްސަލަތަކާއި ގެވެށި އަނިޔާއާގުޅޭ މައްސަލަތަކާއި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި މައްސަލަތައްކަމަށް އެ އުސޫލުގައި ކަނޑައަޅާފައިވެއެވެ. އެ އުސޫލުގެ ދަށުން މައްސަލައިގެ ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ރިއާޔަތްކޮށް، އެމައްސަލައަކީ އަވަހަށް ޝަރީއަތް ހިންގަންޖެހޭ މައްސަލައެއްކަމަށް އެމައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އިއްތިފާގުވެވިއްޖެނަމަ އެމައްސަލައެއް ކޯޓުގައި ހިންގިދާނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އަޑުއެހުން ބޭއްވުމަށް ތާވަލުކުރެވޭ މައްސަލަތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޝަރީއަތް ހިންގުމަށް ގާނޫނީ ހުރަހެއް ނެތް މައްސަލައެއް ނަމަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ނަމަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށްކަމަށް އެ އުސޫލުގައިވެއެވެ. އެފަދަ ވަސީލަތެއްނެތް ނަމަ ޝަރީއަތަށް މީހުން ވެއްދުމާއި ނެރުމަށް ހަމަޖެހިފައިވަނީ އާންމު ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ކަމަށް އާއްމުކުރެވިފައިވާ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އޮންލައިންކޮށް މައްސަލަތައް ގެންދިއުމުގައި ލިބުނު ތަޖްރިބާއަށް ބަލައި މާފުށީ ޖަލާއި އަދި ޕޮލިހުންގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކުގެ މައްސަލަތައް ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް ހިންގުމުގައި ދިމާވާދަތިތައް ހައްލުކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އާއެކު ދަނީ މަޝްވަރާކުރަމުން ކަމަށް ހައިކޯޓުން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.