19މާޗް އިން 30ޖޫން އާއި ހަމައަށް ވިސާ ފީ ދައްކަން ނުޖެހޭ

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން/ ފޮޓޯ: އިމިގްރޭޝަން

މިދިޔަ މާޗު މަހުގެ 19ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ވިސާގެ މުއްދަތު ހަމަވާ ފަރާތްތަކަށް ވިސާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ދިވެހިރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލުކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މިދިޔަ މާޗު މަހުގެ 19ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކުރެވިފައިވުމާއި އަދި  (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރުމާއި ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ނެރުއްވާފައިވާ އެންގުމުގެ ސަބަބުން ޓޫރިސްޓު ވިސާ، ޑިޕެންޑެންޓު ވިސާ، ވާކް ވިސާ އަދި އެހެނިހެން ވިސާގައި ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ވިސާގެ މުއްދަތު އިތުރުކުރުމާއި ވިސާ ފައިސާ ދެއްކުމުގައި އާއްމު ރައްޔިތުންނާއި ވިޔަފާރި ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެ، ވިސާ ފައިސާ ދެއްކުމަށް ދަތިވެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ކޮވިޑް19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި އަދި މާލޭގެ މަގުމައްޗަށް ނިކުމެ އުޅުން މަނާ ކުރުމާއި ގުޅިގެން، ވިސާ ފައިސާ ދެއްކުމުގައި ދަތިވެފައިވާތީވެ، މިދިޔަ މާޗު މަހުގެ 19ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 30ވަނަ ދުވަހާއި ދެމެދަށް ވިސާ ގެ މުއްދަތު ހަމަވާ ފަރާތްތަކަށް ވިސާ ފީގެ ޖޫރިމަނާ ދައްކަން ނުޖެހޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.