ކުރިއެކޭ ވެސް އެއްގޮތަށް ރޯދަ މަހު އިތުރު ގަޑީގެ ފައިސާ ދިނުމަށް ނިންމައިފި

ދައުލަތުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ: ފޮޓޯ / ސަން

ކޮވިޑް19 ގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އެޅި ނަމަވެސް މިއަހަރުގެ ރަމަޟާން މަހުގެ އިތުރުގަޑީގެ ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ސޮއި ކުރައްވާ ނެރުއްވި ސާކިއުލާއެއްގައި މިރޭ ވިދާޅުވީ ރަމަޟާން މަހަކީ ޚާއްސަ މަސައްކަތު ގަޑިތަކެއް ކަނޑައެޅިފައިވާ މަހަކަށް ވާތީ، ކުރިން އެ މިނިސްޓްރީން ނެރެފައިވާ މުސާރައާ އިނާޔަތްތަކާއި ގުޅޭ ސާކިއުލާގެ 6 ވަނަ ނުކުތާއަށް އަމަލުކުރާނީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހަށް ފަހުގައި 8 ޝައްވާލުން ފެށިގެން ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން ވަނީ ހަރަދު ކުޑަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިއަދު މަޖިލީހުން ވަނީ ސަރުކާރުން އެދުނު ގޮތަށް ރައީސުލުޖްހޫރިއްޔާއާ އެމަނިކުފާނުގެ ނާއިބާއި ރައްޔިތުން މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރާއި އަދި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އިތުރުން ސިޔާސީ މަގާމުތަކުގައި ވަކި ވަރަކަށްވުރެ މަތިން މުސާރަ ލިބޭ މީހުންގެ މުސާރަތައް ކުޑަކޮށްފައެވެ.

އެގޮތުން ފިނޭންސުން ވަނީ އަސާސީ މުސާރައިގެ ގޮތުގައި 60،000 ރުފިޔާ އަށްވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުންގެ އަސާސީ މުސާރައިން 35 ޕަސެންޓު އުނިކުރަން ނިންމާފައެވެ. އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާ 60،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ މީހުންނަށް 30 ޕަސެންޓު އުނިކޮށްފައިވާއިރު 20،000 ރުފިޔާއަށް ވުރެ ދަށުން އަސާސީ މުސާރަ ލިބޭ އެއްވެސް މުވައްޒަފެއްގެ މުސާރައިން އެއްވެސް މިންވަރެއް އުނި ނުކުރުމަށް ފިނޭންސުން ވަނީ ނިންމާފައެވެ. އަދި 20،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓު އުނިކުރުމަށް ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *