ދައުލަތުގެ އެންމެ ބޮޑު މުސާރަ މިހާރު ލިބެނީ އީވާއަށް!؟

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ދައުލަތުގެ ވެރިންގެ މުސާރަތައް ކުޑަކޮށްފައެވެ. އެ މުސާރަތައް ކުޑަކުރިއިރު ރައީސުލްޖުމްހޫރިއްޔާ އިން ފެށިގެން ވަޒީރުންނާއި ހަމައަށް މުސާރަތައް މިވަނީ ކުޑަކޮށްފައެވެ. މިބަދަލުތައް ގެނައީ ކޮވިޑް19 ގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުންނެވެ. މި ބަދަލާއި އެކު ބޮޑު މުސާރަ ލިބެމުން އައި އެންމެންގެ މުސާރަތައް ކުރިން ލިބެމުން އައި ވަރަށް ވުރެ ބޮޑުތަން ވަނީ ކުޑަވެފައެވެ. އަލަށް ގެނައި މި ބަދަލާއި އެކު ދައުލަތުގެ ތިން ބާރުގެ ތެރެއިން އެންމެ ބޮޑަށް ތިއްބެވި ތިން ބޭފުޅުންނަށްވުރެ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވާ ބޭފުޅަކު ދައުލަތުގައި އެބަ ހުންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އަކީ މިވަގުތު ދައުލަތުގެ އެންމެ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވާ ބޭފުޅާއެވެ. އޭނާ އަށް ލިބޭ މުސާރައަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާ މުއުތަސިމް އަދުނާން އަށް މިހާރު ލިބިވަޑައިގަންނަވާ މުސާރައަށް ވުރެވެސް ބޮޑު މުސާރައެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަސާސީ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 100،000 ރުފިޔާއެވެ. ނަމަވެސް މުސާރައިން 35 ޕަސެންޓު އުނި ކުރުމުން ކުރިޔަށް އޮތް ތިން މަހު އެމަނިކުފާނަށް ލިބިވަޑައިގަންނަވާނީ 65،000 ރުފިޔާއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަސާސީ މުސާރައަކީ 75000 ރުފިޔާއެވެ. އެމަނިކުފާނުގެ މުސާރައިން 35 އިންސައްތަ އުނިކުރުމުން ލިބިވަޑައިގަންނަވާނީ 48،750 ރުފިޔާއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސަށް މަހެއްގެ މައްޗަށް 73،000 ލިބިވަޑައިގަންނަވައެވެ. ނަމަވެސް 35 ޕަސެންޓު ކުޑަ ކުރެއްވުމުން އެމަނިކުފާނަށް ކުރިޔަށް އޮތް ތިން މަހު ލިބިވަޑައިގަންނަވާނީ 57،000 ރުފިޔާއެވެ. އުއްތަމަ ފަނޑިޔާރަށް މަހެއްގެ މައްޗަށް 74،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު 35 ޕަސެންޓު މުސާރައިން އުނި ކުރުމުން ލިބިވަޑައިގަންނަވާނީ 58،000 ރުފިޔާއެވެ.

މުސާރަ ކުޑަކުރި ނަމަވެސް މަޖިލީހުގެ ނާއިބު ރައީސް އީވާއަށް 75،000 ލިބިވަޑައިގަންނަވައެވެ. ސަބަބަކީ އެކަމަނާ އަކީ މަޖިލީހުގެ ނާއިބު ރައީސަށްވެ ހުންނަވާ ވެސް މަޖިލީހުގެ ކޮމެޓީތަކުގައި ބައިވެރިވަޑައިގަންނަވާ ބޭފުޅަކަށް ވާތީއެވެ. ސަރުކާރުން ނިންމާފައި ވަނީ އަސާސީ މުސާރައިން 35 ޕަސެންޓު އުނި ކުރުމަށެވެ. އެއްވެސް އިނާޔަތެއް އުންޏެއް ނުކުރެއެވެ. ކޮމެޓީ އެލަވަންސްގެ ގޮތުގައި މަޖިލީހުގެ މެންބަރުންނަށް 20،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ. މަޖިލީހުގެ ރައީސް އަކީ މަޖިލީހުގެ އެއްވެސް ކޮމެޓީއެއްގައި ބައިވެރިވެވޭނެ ބޭފުޅެއް ނޫނެވެ. އެހެންކަމުން އީވާގެ މުސާރައިން 35 ޕަސެންޓު ކަނޑާލި ނަމަވެސް އޭނާ އަށް ކޮމެޓީ އެލަވަންސާއި އެކުގައި އެ އަދަދުގެ މުސާރައެއް ލިބިވަޑައިގަންނަވާނެއެވެ.

އީވާ އަކީ މަޖިލީހުގެ ރައީސަށްވުރެ ވެސް ބޮޑު މުސާރައެއް މަހެއްގެ މައްޗަށް ލިބިވަޑައިގަންނަވާ ބޭފުޅެކެވެ. މުސާރަތައް ކުޑަ ނުކުރާއިރުވެސް މަހެއްގެ މައްޗަށް 91،000 ރުފިޔާ އީވާ އަށް ލިބިވަޑައިގަންނަވައެވެ. އެއީ ކޮމެޓީ އެލަވަންސާއި އެކުގައެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ މަހެއްގެ މައްޗަށް 82،500 ރުފިޔާ ލިބިވަޑައިގަންނަވާ ބައެކެވެ. ނަމަވެސް 35 ޕަސެންޓު މުސާރައިން އުނި ކުރުމުން 69،000 ރުފިޔާގެ މުސާރައެއް ލިބިވަޑައިގަންނަވާނެއެވެ. އެހެންކަމުން މަޖިލިސް މެންބަރުންނަށް ލިބިވަޑައިގަންނަވާ މުސާރައަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ރައްޔިތުން މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރަށްވުރެ ގިނައިން ކުރިޔަށް އޮތް ތިން މަހު މުސާރަ ލިބިވަޑައިގަންނަވާނެ ބޭފުޅުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.