ހާލަތު ގޯސް ނުވާނަމަ ޖުލައި މަހު އެއާޕޯޓު ހުޅުވާލާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ / ރައީސް އޮފީސް

ރާއްޖޭގައި ކޮވިޑް19ގެ ހާލަތު އިތުރަށް ގޯސްނުވެ، ރަނގަޅަށް ދާނަމަ، އަންނަ ޖުލައި މަހުގެ ތެރޭގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާއި ގުޅިގެން ފަސްވަނަ ފަހަރަށް ގައުމާއި މުހާތަބު ކުރައްވާ މިރޭ ވާހަކަދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖޭގައި ކޮވިޑް19ގެ ހާލަތު އިތުރަށް ގޯސްނުވެ، ރަނގަޅަށް ދާނަމަ، އަންނަ ޖުލައި މަހުގެ ތެރޭގައި ރިސޯޓުތައް ވެސް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

"މިކަންކަން ކުރާނެ ގޮތުގެ ގައިޑްލައިންތައް، ކަމާ ބެހޭ ދާއިރާތަކުގެ އިރުޝާދާއެކު މިހާރު އަންނަނީ ކަނޑައަޅަމުން،" ރައީސް ވިދާޅުވިއެވެ.

މާލެ އިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވުމުން، އެކަމަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް19 ބަލިން ރައްކާތެރިވުމަށް މަސައްކަތް ކުރާއިރު ބައްޔަށް ފަހު އާއްމު ދިރިއުޅުމަށް އެނބުރި ދިއުމަށް ތައްޔާރުވާން ޖެހޭ ކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިވާ އިގްތިސޯދީ އަދި އިޖުތިމާއީ ދަތިތަކުން އަރައިގަތުމަށް އުފައްދާފައިވާ ގައުމީ ޓާސްކް ފޯސްގެ މަސައްކަތް ވެސް ކުރިޔަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި މެދު ހިތްހަމަ ނުޖެހޭ ބަޔަކުވެސް ތިބޭނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ފިޔަވަޅުތައް އަޅަން ޖެހުނީ އެންމެންގެ ވެސް ރައްކާތެރިކަމަށްޓަކައި ކަަމށެވެ.

“ދުނިޔޭގެ އެހެން ގައުމުތަކަށް މި ބަލި އެތެރެވިތާ ކުރީކޮޅު އެފަދަ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން، މިހާރު އެ ގައުމުތައް އުފުލަމުންދާ އުނދަގޫތައް އަޅުގަނޑުމެން އެންމެނަށްވެސް އެބަ ފެނޭ. ރާއްޖޭގައި ކޮވިޑް19 ފެތުރެން ފެށިތާ އެންމެ ދޮޅު މަސްވެސް ނުވަނީސް، މިކަމުން އަރައިގަތުމުގެ ވާހަކަ، މާތް ﷲގެ ވާގިފުޅާއެކު މި ދެކެވެނީ، ދުރާލައި މި ފިޔަވަޅުތައް އެޅުމުގެ ސަބަބުން. އެހެން ނޫންނަމަ، އަޅުގަނޑުމެންވެސް މިއަދު ތަޖުރިބާކުރަމުން ދާނީ، ސިއްހީ ތަޖުރިބާކާރުން އަންދާޒާކުރެއްވި އެންމެ ނުރައްކާތެރި ހާލަތު،” ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ގައުމާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ ސިއްހީ ހިދުމަތްތެރިންގެ ލަފަޔާ އެއްގޮތަށް، މިހާރު އަޅާފައިވާ ފިޔަވަޅުތައް، ރައްޔިތުންގެ އެއްބާރުލުމާއެކު، ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، މާލެ ސަރަހައްދުގައި އޮތް ލޮކްޑައުންގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

“މާލެ ސަރަހައްދުން ލޮކްޑައުންގެ ހާލަތަށް ލުޔެއްދޭއިރު، އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން. މިގޮތުން ފުރަތަމަ ކަމަކީ، ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށްވުރެ ފަސޭހަ އިންތިޒާމަކުން އާންމު ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުން. އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ،” ރައީސް ވިދާޅުވިއެވެ.

އެގޮތުން މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށްވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *