އިސްވެރިންގެ މުސާރަތައް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

ކޮވިޑް19 ގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ނިންމާފައިވާ ނިންމުން މަޖިލީހަށް ފޮނުވުމުން ފިނޭންސުން ހުށަހެޅި ގޮތަށް އިސްވެރިންގެ މުސާރަތައް ކުޑަ ކުރުމަށް ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެގޮތަށް އިސްވެރިންގެ މުސާރަތައް ކުޑަކުރުމަށް ފާސްކުރީ 64 މެންބަރުންގެ ވޯޓުންނެވެ.

މީގެކުރިން މަޖިލީހުން ވަނީ ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންގެ އިތުރުން ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މުސާރަތަކުން 20 ޕަސެންޓް ދެ މަސް ދުވަހަށް ކުޑަކުރަން ނިންމާފައެވެ. ނަމަވެސް ދާދިފަހުން ފިނޭންސް އިން ވަނީ ބޮޑުންގެ މުސާރަ 35 ޕަސެންޓު ކުޑަ ކުރަން ނިންމާ އެކަން އިއުލާން ކޮށްފައެވެ.

އެގޮތުން ފިނޭންސުން ވަނީ އަސާސީ މުސާރައިގެ ގޮތުގައި 60،000 ރުފިޔާ އަށްވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުންގެ އަސާސީ މުސާރައިން 35 ޕަސެންޓު އުނިކުރަން ނިންމާފައެވެ. އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާ 60،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ މީހުންނަށް 30 ޕަސެންޓު އުނިކޮށްފައިވާއިރު 20،000 ރުފިޔާއަށް ވުރެ ދަށުން އަސާސީ މުސާރަ ލިބޭ އެއްވެސް މުވައްޒަފެއްގެ މުސާރައިން އެއްވެސް މިންވަރެއް އުނި ނުކުރުމަށް ފިނޭންސުން ވަނީ ނިންމާފައެވެ. އަދި 20،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓު އުނިކުރުމަށް ވަނީ ނިންމާފައެވެ.

މުސާރަތައް ކުޑަކޮށް މުސާރަތަކަށް އަންނާނެ ބަދަލުތައް ފިނޭންސް މިނިސްޓްރީން ވަނީ އާއްމުކޮށްފައެވެ.

އެ މިނިސްޓްރީން އާއްމު ކޮށްފައިވާ ސާކިއުލާއެއްގައި ބުނީ 80،000 ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުން ގެއަށް ގެންދިއުމަށް ދެން ލިބޭނީ 70،000 ރުފިޔާއެވެ. 25،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ މީހުން ގެއަށް ގެންދިއުމަށް ލިބޭނީ 45،000 ރުފިޔާ ކަމަށެވެ. އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާ 40،000 ރުފިޔާއާ ދެމެދު ލިބޭ މުވައްޒަފުން ގެއަށް ގެންދަން ލިބޭނީ 50،000 ރުފިޔާއެވެ.

އަސާސީ މުސާރައިގެ ގޮތުގައި 60،000 ރުފިޔާއާ 80،000 ރުފިޔާއާ ދެމެދު ލިބޭ މުވައްޒަފުންނަށް ގެއަށް ގެންދިއުމަށް 65،000 ރުފިޔާ ލިބޭނެ ކަމަށް ސާކިއުލާގައި ބުނެފައިވާއިރު އަސާސީ މުސާރައިގެ ގޮތުގައި 40،000 ރުފިޔާއާ 50،000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭ މުވައްޒަފުންނަށް ގެއަށް ގެންދަން ލިބޭނީ 55،000 ރުފިޔާ ކަމަށް ސާކިއުލާގައި ބުނެފައިވާއިރު 50،000 ރުފިޔާއާ 60،000 ރުފިޔާއާ ދެމެދުގެ އަސާސީ މުސާރަ ލިބޭ މުވައްޒަފުން ގެއަށް ގެންދިއުމަށް 60،000 ރުފިޔާ ލިބޭނެ ކަމަށް ފިނޭންސްގެ ސާކިއުލާގައި ބުނެފައިވެއެވެ.

މިގޮތަށް ފިނޭންސް އިން ސާކިއުލާ ނެރެ އަދި އެ ސާކިއުލާ ތަންފީޒު ކުރުމަށް އަންގާފައި ވަނީ ކޮވިޑް19 ގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުންނެވެ. ހަރަދު ކުޑަ ކުރުމުގތެ ގޮތުން މުވައްޒަފުންގެ މުސާރައިން ވަކި މިންވަރެއް އުނި ކުރި ނަމަވެސް ކޮވިޑް19 އާއި ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ އުނި ނުކުރައްވާނެ ކަމަށް އިއްޔެ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.