ގާނޫނުއަސާސީ އިސްލާހު ކުރުމަށް އީދު ބަންދުގައި މަޖިލިސް ބާއްވަނީ

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

އެޖެންޑާއިން ނަގާ ޕާކު ކޮށްފައި އޮތް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ކުރުމަށް ފިތުރު އީދު ބަންދުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަން ނިންމައިފިއެވެ.

ގާނޫނުއަސާސީ އަށް ސަރުކާރުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް) ހުށަހަޅާފައިވާ އެ އިސްލާހަކީ މިހާރު ހުރި ލޯކަލް ކައުންސިލްތަކުގެ ދައުރު އަންނަ މަހުގެ ތިން ވަނަ ދުުވަހު ހަމަވާއިރު، އެކަމަށް ހައްލެއް ހޯދާ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ބިލްގެ މަސައްކަތް ނިންމުމަށް އަންނަ ހަފްތާގެ 26،27 އަދި 28 ގައި ޖަލްސާތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެކަމަކީ އެމަނިކުފާނު އެދިލައްވާ ގޮތް ނޫން [ގާނޫނުއަސާސީ އިސްލާހު ކުރުން] ކަމަށެވެ. ނަމަވެސް 28 ވަނަ ދުވަހާއި ހަމައަށް އެކަމުގައި މަޖިލީހުން ކޮންމެވެސް ގޮތެއް ނިންމަވާނެ ކަމަށާއި އެގޮތް ނިންމަވާނީ ރައްޔިތުން މަޖިލީހުގެ މެންބަރުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

“ގާނޫނު އަސާސީ އިސްލާހުވުންތޯ ނުވުން ތޯ އިސްލާހު ކޮން ގޮތަަކަށްވުން ތޯ އެ އެއް ނިންމަވާނީ އިއްޒަތްތެރި މެންބަރުން. އަޅުގަނޑު މަސައްކަތް ކުރާނަން މީގެ ނިންމުމަކަށް ގެންދިއުުމަށް،” ރައީސް ނަޝީދު ވިދާޅުވިއެވެ.

ކަލަންޑަރުގައިވާ ގޮތުގައި ޝައްވާލު މަހުގެ އެއްވަނަ ދުވަހަކީ މިމަހުގެ 24ވަނަ ދުވަހުއެވެ. ނަމަވެސް ޝައްވާލު މަހުގެ އެއްވަނަ ދުވަހަކީ އެދުވަސްކަން ޔަގީން ކުރުމަށް ހުކުރު ދުވަހު ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ޖަލްސާ ބާއްވާނެއެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ވެސް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރިއެވެ. ނަމަވެސް ފަހުން ވަނީ އެ ބިލް އެޖެންޑާ އިން ނަގައިފައެވެ. ބިލު ނެގުމަށްފަހު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ވަކިން ބިލެއް ހުށަހަޅާފައެވެ.

އެބިލު މަޖިލީހަށް ހުށަހެޅުމުން ގިނަ މެންބަރުން ވަނީ ގާނޫނުއަސާސީ އިސްލާހު ނުކޮށް ކައުންސިލަރުންގެ ދައުރު ދަންމާ ނުލެވޭނެ ކަމަށް ވިދާޅުވެ ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ. ނަމަވެސް އެ ބިލު މަޖިލީހަށް ބަލައިގަތެވެ. އަދި އެއަށްފަހު ބިލު ދިރާސާ ކުރާ ލާމަރުކަޒީ ކޮމެޓީން ވަނީ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު އަދި މަޖިލީހުގެ ކައުންސެލާ ޖެނެރަލްގެ ލަފާ ވެސް ހޯއްދަވާފައެވެ. އެ ދެ ބޭފުޅުން ވެސް ވަނީ ގާނޫނުއަސާސީ އިސްލާހު ނުކޮށް މަޖިލީހުން ފާސްކުރާ އާއްމު ބިލަކުން ކައުންސިލަރުންގެ ދައުރު ދަންމާ ނުލެވޭނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.