ކޮވިޑް19 ގެ ސަބަބުން ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަކީ ހައްލެއް ކަމަށް ގަބޫލު ކުރެވުނު ނަމަވެސް އެއީ ހައްލެއް ނޫން ކަމަށާއި އެހެންކަމުން ބޯޑަރުތައް ހުޅުވާލުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ކޮމަންވެލްތު އެންޓަޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލުން މިއަދު ބޭއްވި ޓޫރިޒަމް ވެބިނާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރުމަކީ، ކޮވިޑް19 ގެ ހާލަތުން އަރައިގަތުމަށް އޮތް ހައްލެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ކޮވިޑް19 އިން ރައްކާތެރިވުމަށްޓަކައި ގައުމުތައް ލޮކްޑައުންކޮށް، ބޯޑަރުތައް ބަންދު ކުރުމަކީ އެންމެ މުހިއްމު ފިޔަވަޅުކަމަށް ގައުމުތަކަށް ހީވި ނަމަވެސް، އެކަން އެގޮތަށް ކޮންގެން އެއްވެސް ގައުމަކަށް ސަލާމަތެއް ނެތް ކަމަށެވެ.
ނަޝީދު ވިދާޅުވީ، މިފަދަ ދަތި ވަގުތުތަކަކީ މުއްސަނދި ގައުމުތަކުން ކުދި ގައުމުތަކަށް އަޅާލަންވީ ވަގުތު ކަމަަށެވެ. މިއީ އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުން ދީ ހާރިޖީ ގުޅުންތައް ބަދަހި ކުރަންވީ ވަގުތު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސޯދުގެ މައިނާރަކީ ފަތުރުވެރިކަން ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ހުރިހާ ރިސޯޓުތަކެއް ބަންދު ކުރެވިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބިގެންދާނެ ގެއްލުން އަންދާޒާވެސް ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައުމާއެކު ކޮވިޑް19 ބަލިމަޑުކަމުގެ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ބަޔަކީ އެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ 70 ޕަސެންޓް މީހުން ވަޒީފާ އަދާކުރަނީ ޓޫރިޒަމް ދާއިރާގައި ކަމަށާއި ބޯޑަރުތައް ބަންދުކޮށްގެން، ޓޫރިޒަމް ހުއްޓުމަކަށް ގެނެސްފި ނަމަ، މުޅި ދުނިޔޭގެ އިގްތިސާދު އަޑިއަށްގޮސް “އިންޓަނޭޝަލް ސްޓެބިލިޓީ” ގެއްލޭނެ ކަމަށެވެ.