"ސޭފް ޓޫރިޒަމް ގައިޑްލައިން" އަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގެ ރަށެއްގައި ފަތުރުވެރިންތަކެއް: ހަތާވީސް ފޮޓޯ / މުހައްމަދު އަފްރާހު

ނިއު ނޯމަލްގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިޔަށް ގެންދާނުގެ ގޮތުގެ ގައިޑްލައިން "ސޭފް ޓޫރިޒަމް ގައިޑްލައިން" އަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ "ސޭފް ޓޫރިޒަމް ގައިޑްލައިން"ގެ ދެލި ކޮޕީއެއް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަސްލަހަތުވެރިންނަށް ހިއްސާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ ގައިޑްލައިން އަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައި އޮންނާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ބުނީ "ސޭފް ޓޫރިޒަމް ގައިޑްލައިން" ގެ ފައިނަލް އުސޫލު ސަރުކާރުން އާއްމު ކުރާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މަސްލަހަތުވެރިންގެ ހިޔާލާއި މަޝްވަރާއާ އެކުގައި ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން މިފަދައިން ބުނެފައިވާއިރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފައިވަނީ ކޮވިޑް19 އާ ގުޅިގެން ފަތުރުވެރިކަން މިހާރު ހުއްޓިފައި އޮތުމުން އަދި ލަފާކުރުންތަކަށް ބަލާއިރު މިއަހަރުގެ ތެރޭ ފަތުރުވެރިކަމުން އެއްވެސް އާމްދަނީއެއް ލިބޭނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ހުރިކަމަށާއި މި ބަލިމަޑުކަމުގައި ހާލަތު މިގޮތަށް އޮއްވާ ޓްރެވަލް ކޮންފިޑެންސް ލިބި އާންމު ހާލަތައް އައުމަކީ ނާދިރުކަމެއް ކަމަށް މަޓީން ވަނީ ބުނެފައެވެ.

"ސޭފް ޓޫރިޒަމް ގައިޑްލައިން"ގައި ބުނެފައިވަނީ ރާއްޖެ އަންނަ ޖެޓުތަކާއި ޗާޓަރު ފްލައިޓުތަކާއި ސުޕާ ޔޮޓުޓަކަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރިސޯޓުތައް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި ޗާޓަރު ފްލައިޓުތަކާއި ކޮމާޝަލް ފްލައިޓުތަކަށް އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރިސޯޓުތައް ހުޅުވާލުމަށް އެ ގައިޑްލައިންގައި ވަނީ ހިމަނާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ އެ ގައިޑްލައިންގައި ވަނީ އަންނަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެސްޓު ހައުސްތައް ވެސް ހުޅުވާލުމަށް ހިމަނާފައެވެ.

ޕްރައިވެޓު ޖެޓުތަކުގައި އަންނަ ނަމަ އެ ޖެޓުތަކުން 50،000 ޑޮލަރުގެ ފީއެއް ނަގައެވެ. އަދި ސުޕާ ޔޮޓުތަކުން 10،000 ޑޮލަރުގެ ފީއެއް ނަގައެވެ. ރާއްޖެ އައުމަށް ބުކިން ހަދަން ޖެހޭނީ “ސޭފް ޓޫރިޒަމް”ގެ ލައިސަންސް އޮންނަ ފަރާތްތަކުންނެވެ.

“ސޭފް ޓޫރިޒަމް” ލައިސަންސްގެ ފީ އަކީ 50،000 ޑޮލަރެވެ. މި ފީއަކީ ނިއު ނޯމަލްގައި ރިސޯޓުތައް އޮޕަރޭޓު ކުރަން ބޭނުންވާ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީއެކެވެ. މިފަދައިން ހުއްދަ އަށް އެދޭ ރިސޯޓުތަކުގައި 10 ޕަސެންޓުގެ ކޮޓަރިތަކަކީ ފަތުރުވެރިން އައިސޮލޭޝަން އަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި ބަހައްޓަންޖެހޭ ކޮޓަރިތަކެކެވެ. އަދި ހަމަ އެފަދައިން މުވައްޒަފުންނަށް ވެސް 10 ޕަސެންޓުގެ ކޮޓަރިތައް ހާއްސަ ކޮށްފައި ބަހައްޓަން ޖެހެއެވެ.

މި ގައިޑްލައިންގައި ބުނީ ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން 100 ޑޮލަރުގެ ފީއެއް ނަގާނެ ކަމަށެވެ. މި ފީ ނެގުމަށް ހަމަޖެހިފައިވަނީ 14 ދުވަހަށްވުރެ ކުރު މުއްދަތަކަށް ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އަތުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *