ދިރިއުޅުން ހުއްޓުވާފައި ނުބޭއްވޭނެ، ސަލާމަތްތެރިކަމާއި އެކު ދިރިއުޅުން އަލުން ފަށަންޖެހޭ: އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުކޮމަންވެލްތް އެންޓަޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލު ބައްދަލުވުމުގައި: ފޮޓޯ / ޓޫރިޒަމް މިނިސްޓްރީ

ކޮވިޑް19 ގެ ސަބަބުން ދިރިއުޅުން ހުއްޓުވާފައި ބޭއްވެން ނެތް ކަމަށާއި ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއި އެކުގައި ދިރިއުޅުން އަލުން ފަށަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތު އެންޓަޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލުން ރޭ ބޭއްވި ޓޫރިޒަމް ވެބިނާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މުޅި ދުނިޔެ ހަނގުރާމަ ކުރަމުން ދަނީ ބަލި ނުކުރެވޭ ވަރުގެ ދުޝްމަނަކާ ކަމަށެވެ. އެހެންކަމުން މިހާރު އޮތް ގޮތަކީ ބައްޔާއި އެކީގައި އުޅެން ދަސް ކުރުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ އަޑިގަނޑުގެ ހާލަތަށް ބަލާ އިރު އިގްތިސާދީ ހާލަތުން އަރައިގަތުމުގައި ރާއްޖެ އިން ފެންނާނީ "ޔޫ ކާވް ރީބައުންޑް" އެއް ކަމަށެވެ. އަދި އެ ކާވްގައި ލަފާކުރެވޭ "އަޕްވާޑް ޓްރެންޑް" އަންނާނެ ކަމަށް ލަފާ ކުރެވެނީ އަންނަ އޮކްޓޫބަރު މަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މަހުން ފެށިގެން ރާއްޖޭގެ އިގްތިސޯދު ރަނގަޅުވާން ފެށޭވަރު ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ވެސް އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ ބޯޑަރުތަކެއް ވެސް އަބަދަކު ބަންދު ކޮށްފައި ނުބޭއްވޭނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ބޯޑަރު ނިއު ނޯމަލްގައި ހުޅުވާލާނީ އަންނަ ޖުލައި މަހުގައި ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ ނިއު ނޯމަލްގައި ފަތުރުވެރިކަން ކުރިޔަށް ގެންދާން ގޮތްތަކާއި ގުޅޭ ހާއްސަ ގައިޑްލައިނެއް އެކުލަވާލައިފައިވާ ކަމަށެވެ.

ނިއު ނޯމަލްގައި ފަތުރުވެރިކަން ކުރިޔަށް ގެންދާނެ ގޮތުގެ ގައިޑްލައިންގައި ޖެޓުތަކުގައި ރާއްޖެ އަންނަނ ފަތުރުވެރިންނަށް އަންނަ މަހު ރާއްޖޭގެ ރިސޯޓުތައް ހުޅުވާލާނެ ކަމަށެވެ.

ގައިޑްލައިންގައި ބުނެފައިވަނީ ރާއްޖެ އަންނަ ޖެޓުތަކާއި ޗާޓަރު ފްލައިޓުތަކާއި ސުޕާ ޔޮޓުޓަކަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރިސޯޓުތައް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި ޗާޓަރު ފްލައިޓުތަކާއި ކޮމާޝަލް ފްލައިޓުތަކަށް އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރިސޯޓުތައް ހުޅުވާލުމަށް އެ ގައިޑްލައިންގައި ވަނީ ހިމަނާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ތައްޔާރު ކޮށްފައިވާ އެ ގައިޑްލައިންގައި ވަނީ އަންނަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެސްޓު ހައުސްތައް ވެސް ހުޅުވާލުމަށް ހިމަނާފައެވެ.

ޕްރައިވެޓު ޖެޓުތަކުގައި އަންނަ ނަމަ އެ ޖެޓުތަކުން 50،000 ޑޮލަރުގެ ފީއެއް ނަގައެވެ. އަދި ސުޕާ ޔޮޓުތަކުން 10،000 ޑޮލަރުގެ ފީއެއް ނަގައެވެ. ރާއްޖެ އައުމަށް ބުކިން ހަދަން ޖެހޭނީ “ސޭފް ޓޫރިޒަމް”ގެ ލައިސަންސް އޮންނަ ފަރާތްތަކުންނެވެ.

“ސޭފް ޓޫރިޒަމް” ލައިސަންސްގެ ފީ އަކީ 50،000 ޑޮލަރެވެ. މި ފީއަކީ ނިއު ނޯމަލްގައި ރިސޯޓުތައް އޮޕަރޭޓު ކުރަން ބޭނުންވާ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީއެކެވެ. މިފަދައިން ހުއްދަ އަށް އެދޭ ރިސޯޓުތަކުގައި 10 ޕަސެންޓުގެ ކޮޓަރިތަކަކީ ފަތުރުވެރިން އައިސޮލޭޝަން އަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި ބަހައްޓަންޖެހޭ ކޮޓަރިތަކެކެވެ. އަދި ހަމަ އެފަދައިން މުވައްޒަފުންނަށް ވެސް 10 ޕަސެންޓުގެ ކޮޓަރިތައް ހާއްސަ ކޮށްފައި ބަހައްޓަން ޖެހެއެވެ.

މި ގައިޑްލައިންގައި ބުނީ ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން 100 ޑޮލަރުގެ ފީއެއް ނަގާނެ ކަމަށެވެ. މި ފީ ނެގުމަށް ހަމަޖެހިފައިވަނީ 14 ދުވަހަށްވުރެ ކުރު މުއްދަތަކަށް ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންގެ އަތުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.