ގައިދުރުކުރުމުގެ ފައިދާ: ގައިން ގަޔަށް އަރާ ބަލިތައް މިހާތަނަށް ނުފެންނަ ވަރަށް ތިރިއަށް!

މެއި 19، 2020: ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)އިން ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެސްގެ ތެރެއިން-- ފޮޓޯ/ އެންއީއޯސީ

ކޮވިޑް19 ގެ ސަބަބުން އާއްމު ރައްޔިތުން އެކަކު އަނެކަކު އިޖުތިމާއީ ގައިދުރުކުރުމުގެ ސަބަބުން އެކަމުގެ ފައިދާ ފެނިއްޖެއެވެ. އެގޮތުން މިހާތަނަށް ރާއްޖޭގައި ގައިން ގަޔަށް އަރާ ބަލިތައް ނުފެންނަ ވަރަށް ތިރިއަށް ޖެހިފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ރޭ ހާމަކޮށްފައެވެ.

އެ ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ ކޮވިޑް19 އަށް ރައްޔިތުން ގައިދުރު ކުރުމުގެ ސަބަބުން މިހާތަނަށް ގައިން ގަޔަށް އަރާ އެހެން ހުރިހާ ބަލިތަކުގެ ޓްރެންޑް މީގެކުރިން ފެނިފައިނުވާ މިންވަރަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

ފާއިތުވި ތިން އަހަރުގެ ވެސް މި މުއްދަތުގެ ތެރޭގައި ރާއްޖެއިން ގައިން ގަޔަށް އަރާ ބަލިތައް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. ޑރ. އަފްޒަލް ވިދާޅުވީ ގައިން ގަޔަށް އަރާ ބަލިތައް އެހާ ބޮޑުތަނުން ތިރިއަށް ޖެހިލާފައި ވަނީ މާލެ ސަރަހައްދުގައި އެކަނި ނޫން ކަމަށެވެ. އެގޮތުން އަތޮޅު ތެރޭގައިވެސް ގައިން ގަޔަށް އަރާ ބަލިތައް ވަރަށް ބޮޑަށް ތިރިއަށް ޖެހިލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މެއި 19، 2020: ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)އިން ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެސްގެ ތެރެއިން-- ފޮޓޯ/ އެންއީއޯސީ

އާއްމު ގޮތެއްގައި މި ދުވަސްވަރަކީ ޑެންގީ ހުން ރާއްޖޭގައި މީހުންނަށް ޖެހޭ ނިސްބަތް ބޮޑު ދުވަސްވަރަކަށްވީ ނަމަވެސް މިއަހަރުގެ މި މުއްދަތުގައި އެބަލި ވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އަދި މީގެކުރިން އަންނާނެ ކަމަށް ބެލެވުނު ބޮޑު ސާޖުވެސް މިހާތަނަށް އައިއިރުވެސް ފެނިފައި ނުވުމުން ރާއްޖެއިން މިބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިދާނެ ކަމަށް ސިއްހީ މާހިރުން މިހާރުން އަންނަނީ ދެކެމުންނެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1143 އަށް އަރާފައިވާއިރު އެންމެ ގިނައިން ޕޮޒިޓިވްވެފައިވާ ބިދޭސީންނެވެ. މީގެތެރެއިންވެސް އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނި ބަންގްލަދޭޝް މީހުންނެވެ. ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދު އުޅެނީ 577 ގައެވެ. ދެވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. ދިވެހިންގެ ތެރެއިން 410 މީހަކަށް ކޮވިޑް19 ވަނީ ޖެހިފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 91 މީހަކު ބަލިން ރަނގަޅުވެފައިވާއިރު މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *